ކޯވިޑް-19 އާ ދެކޮޅަށް ޗައިނާއިން އުފައްދާފައިވާ ސައިނޯފާމް ވެކްސިންގެ 5000 ޑޯޒް ރާއްޖެއަށް ލިބިފައިވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގެ ތަރުޖަމާނު އަދި ޤައުމީ ވެކްސިން ޕްރޮގްރާމްގެ ހެޑް ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ ޗައިނާގެ ދެ ކުންފުންޏަކުން ގުޅިގެން އުފައްދާފައިވާ މި ވެކްސިންގެ 5000 ޑޯޒް ހަދިޔާކޮށްފައިވަނީ ހެޔޮއެދޭ ފަރާތަކުންކަމަށެވެ. އަދި އެ ވެކްސިންތައް ރައްކާކޮށްފައިވާކަމަށާއި ވެކްސިން ޖެހުމުގެ ކުރިން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންގެންދާކަމަށް ނަޒްލާ ވިދާޅުވިއެވެ. އެގޮތުން ވެކްސިން ޖެހުމުގެ ކުރިން އެ ވެކްސިނަކީ ރަނގަޅު ވެކްސިންއެއްތޯ ބެލުމަށްޓަކަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދިރާސާތައް ކުރައްވާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޗައިނާގެ ދެ ކުންފުންޏަކުން ގުޅިގެން އުފައްދާފައިވާ ސައިނޯފާމް ވެކްސިން ބައެއް ޤައުމުތަކުގައި ދެމުންދާއިރު އެ ވެކްސިނުން 78 އިންސައްތަ މީހުން ބަލިން ރައްކާތެރިކޮށްދޭކަމަށް ވެކްސިން އުފެއްދި ކުންފުނިން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގައި ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އަދި މިއަދު ހުރިހާ ހޮސްޕިޓަލެއްގައި ކޮވިޝީލްޑް ވެކްސިން ޖަހަން ފެށުމަށް ވަނީ ނިންމާފައެވެ. ރާއްޖޭގައި މިވަގުތު ޖަހަމުން އަންނަނީ އިންޑިއާއިން މިދިޔަ މަހު ފޯރުކޮށްދިން އެއްލައްކަ ވެކްސިން ޑޯޒްއެވެ. މި ވެކްސިން ރާއްޖޭގެ އާބާދީގެ 5،0000 މީހުންނަށް ޖެހުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މި ވެކްސިންގެ 0.5 އެމްއެލްގެ 2 ޑޯޒް ޖަހަން ޖެހެއެވެ. ފުރަތަމަ ޑޯޒްއަށް ފަހު ދެވަނަ ޑޯޒް އޭގެ 4 ހަފްތާފަހުން ޖަހަން ޖެހެއެވެ.
މީގެ އިތުރުންވެސް ރާއްޖެއަށް އިތުރު ވެކްސިންތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން ރާޢްޖެއިން ގަންނަ އެސްޓްރަޒެނަކާ ވެކްސިން ކުރިއަށްއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ލިބޭނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމް ވަނީ ވިދާޅުވެފައެވެ. އެސްޓްރާޒެނެކާގެ ވެކްސިންގެ އިތުރުން ޑަބްލިއުއެޗްއޯގެ ވެކްސިންއާއި ފައިޒާގެ ވެކްސިންވެސް ރާއްޖެއަށް ކުރިޔަށް އޮތްތާނގައި ލިބޭނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި އިތުރު ވެކްސިންތަކުގެ މައުލޫމާތުވެސް ސަރުކާރުން އަންނަނީ ހޯއްދަވަމުންނެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ ކޯވިޑް-19އިގެ ވެކްސިންތައް ރާއްޖެއަށް ގެނެސް ކުރިއަށް އޮތް 6 މަސް ދުވަހުގެތެރޭ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވެކްސިން ދިނުމަށެވެ. އަދި މެދުނުކެނޑި ވެކްސިންގެ މަރުހަލާތައް ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވަނީ ވިދާޅުވެފައެވެ.