ޚަބަރު

ދަތުރުކުރުމުގައި ހިނގާ ކުށް ހުއްޓުވުމާގުޅޭ ބައްދަލުވުމެއް ފަށައިފި


ސައްޙަ ނޫން ޕާސްޕޯޓާއި ޝަޙްސު އޮޅުވާލައިގެން ހިންގާ ކުށްތައް ހުއްޓުވުމަށް ބައިނަލްއަޤުވާމީ ގޮތުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ބާއްވާ 6 ވަނަ އަހަރީ ބައްދަލުވުން ރާއްޖޭގައި ފަށައިފިއެވެ. މިބައްދަލުވުމުގައި ރާއްޖޭގެ އިތުރުން އޭޝިއަން ނެޓްވޯކް ފޯރ ޑޮކިއުމަންޓް އެގްޒެމިނޭޝަން( އެންޑެކްސް)ގެ 13 މެމްބަރު ޤައުމަކުންވަނީ ބައިވެރިވެފައެވެ.

އޭޝިއަން ނެޓްވޯކް ފޯރ ޑޮކިއުމަންޓް އެގްޒެމިނޭޝަން(އެންޑެކްސް)ގެ 6 ވަނަ ބައްދަލުވުމުގެ ރިޔާސަތު މިއަހަރު ބަލަހައްޓަނީ ރާއްޖެއިންނެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މިބައްދަލުވުމުގައި މެމްބަރު 13 ޤައުމެއްގެ އިތުރުން އޮބްޒަރވަރުންގެ ގޮތުގައި 4 ޤައުމަކާއި ބައިނަލްއަޤުވާނީ 4 ޖަމިއްޔާއަކުންވެސް މިބައްދަލުވުމުގައިވަނީ ބައިވެރިވެފައެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވާ ގޮތުގައި މިބައްދަލުވުމުގައި މިސަރަޙައްދުގެ ޤައުމުތަކުގައި ސައްޙަ ނޫން ޕާސްޕޯޓު ނުވަތަ ޝަޚުސު އޮޅުވާލައިގެން ދަތުރުކުރާ މީހުން ހުއްޓުވާ އެފަދަ މީހުން ބޭނުންކުރާ އުކުޅުތައް ދެނެގަނެ އެކަމާ ގުޅޭ މަޢުލޫމާތު ޤައުމުތަކުގެ މެދުގައި ހިއްސާކުރުމަށްވަނީ ނިންމާފައެވެ. އަދި މިފަދަ ކަންކަމުގައި ހިނގާ ޓްރާންސްނޭޝަނަލް ކްރައިމްތައް ހުއްޓުވުމަކީވެސް މިބައްދަލުވުމުގެ އަމާޒެއްކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
އިމިގްރޭޝަނުން ވިދާޅުވީ މިއަހަރުގެ ބައްދަލުވުމުގައި ބޯޑަރ ސެކިއުރިޓީ ހަރުދަނާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ޙައްލުކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ހުސެއިން ވިދާޅުވީ ރާއްޖޭގެ ބޯޑަރު ޙިމާޔަތްކުރުމަށް އެންޑެކްސްފަދަ އިދާރާތަކާއި ގުޅިގެން ރާއްޖެއިން މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ. އެގޮތުން މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ އިންސާނީ ވަގުފާރީގެ ވިޔަފާރި ހުއްޓުވާ ބޯޑަރުތައް ހުރަސްކޮށް ހިނގާ ޓްރާންސްނޭޝަނަލް ކްރައިމްތަކުން އަރައިގަތުމަށް އިތުރަށް ޤައުމުތަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ސީޖީ ވަނީ ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި މިމަސައްކަތް އިތުރަށް ހަރުދަނާކުރެވިގެންދާނެކަމުގެ ޔަގީންކަން އޮތްކަމަށްވަނީ ވިދާޅުވެފައެވެ.

މިބައްދަލުވުމުގައި އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޯރ މައިގްރޭޝަންގެ ރީޖަނަލް ޑިރެކްޓަރ ފޯރ އޭޝިއާ އެންޑް ދަ ޕެސިފިކް، ޑރ.ނެނެޓް މޯޓަސްވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި އެންޑެކްސްގެ ތަރައްޤީކުރުމުގެ ބައިވެރިއެއްކަމަށްވާ ކެނެޑާގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް މެކިނަންވެސްވަނީ ބައިވެވެވަޑައިގަންނަވާފައެވެ.
އެންޑެކްސްއަކީ 2013 ވަނަ އަހަރު ކެނެޑާ ސަރުކާރުގެ މާލީ އެހީތެރިކަމާއެކު ޑޮކިއުމަންޓް އެގްޒަމިނޭޝަން ސަޕޯޓް ސެންޓަރއާއި ގުޅިގެން އައިއޯއެމްއިން ބަލަހައްޓަމުން އަންނަ ނެޓްވޯކެކެވެ. މިނެޓްވޯކްގައި އޭޝިއާގެ 14 ޤައުމެއްގެ އިމިގްރޭޝަން އޭޖެންސީތައް ހިމެނެއެވެ.