ޚަބަރު

މިދިޔަ އަހަރު 674 ޕާސްޕޯޓް ގެއްލިގެން ހުށަހަޅާފައިވޭ: އިމިގްރޭޝަން


މިދިޔަ އަހަރު 674 ޕާސްޕޯޓް ގެއްލިގެން ހުށަހަޅާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރައްވައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ 674 ޕާސްޕޯޓް ގެއްލިގެން އެއިދާރާއަށް ހުށަހަޅާފައިވާއިރު، ޕާސްޕޯޓާގުޅޭ އެކި މައްސަލަތަކުގައި ކުރެވުނު ޖޫރިމަނާތައް ތިންލައްކަ ސައުވީސް ހާސް ރުފިޔާއަށް އަރާކަމަށެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އިމިގްރޭޝަން ގަވާއިދުގައި މަނާކުރާ ކުށްތަކާއި އިހުމާލުތަކާއި ގުޅިގެން އެއް މިލިއަން ހަތަރުލައްކަ ތިރީސް ހަތްހާސް ފަސް ސަތޭކަ ރުފިޔާ ޖޫރިމަނާގެ ގޮތުގައި އެއިދާރާއަށް ވަނީ ލިބިފައެވެ. މީގެ ތެރޭގައި ހިމެނެނީ ޖޫރިމަނާކުރެވުނު 10 ދިވެހިންނާއި ބިދޭސީންގެ ތެރެއިން ޖޫރިމަނާކުރި 198 މީހެކެވެ.

ޖޫރިމަނާކޮށްފައިވާ ދިވެހިންގެ ޖޫރިމަނާގެ ގޮތުގައި އެއްލައްކަ ފަސްހާސް ފަސްސަތޭކަ ރުފިޔާވަނީ ދައްކާފައެވެ. އަދި ބިދޭސީންގެ ޖޫރިމަނާގެ ގޮތުގައި އެއް މިލިއަން އަށްހާސް ރުފިޔާ ލިބިފައިވާކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ޖޫރިމަނާ ކުރި ދިވެހިންގެ ތެރޭގައި ރާއްޖެއިން ބޭރުން މީހުން ގެނައުމަށްފަހު ވީޒާގެ ކަންކަމަށް އިހުމާލުވެފައިވާ މައްސަލަތަކުގައި ޖޫރިމަނާކޮށްފައިވާ ކުންފުނިތަކާއި ޢާއްމު ފަރުދުން ހިމެނޭކަމަށެވެ. އަދި ބިދޭސީން އެންމެ ގިނައިން ޖޫރިމަނާކޮށްފައި ހުރީ ވީޒާގެ މުއްދަތު ހަމަވުމަށްފަހު ވީޒާ އައު ނުކޮށް ރާއްޖޭގައި ހުރުމުންކަމަށް އިމިގްރޭޝަނުން ފާހަގަކުރައްވައެވެ. ހަމައެއާއެކު ކޯވިޑް-19ގެ ސަބަބުން ކުރިމަތިވި ބޯޑަރު ބަންދުކުރުމާއި ޚިދުމަތްތައް ދިނުމުގައި ކުރިމަތިވީ ދަތިތަކުގެ ސަބަބުން އިމިގްރޭޝަނުން ވީޒާގެ މައްސަލަތަކުގައި ބޮޑު ލުއިތަކެއް ދެއްވާފައިވީނަމަވެސް ޖޫރިމަނާގެ ނިސްބަތް އިތުރުކަން އެއިދާރާއިން ފާހަގަކުރައްވައެވެ.

އިމިގްރޭޝަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޕާސްޕޯޓާގުޅޭ އެކި މައްސަލަތަކުގައި ކުރެވުނު ޖޫރިމަނާތަކުން ތިންލައްކަ ސައުވީސް ހާސް ރުފިޔާ ލިބިފައިވެއެވެ. އިމިގްރޭޝަނުން ވިދާޅުވީ ޕާސްޕޯޓާއި ގުޅޭގޮތުން ޢާއްމުގޮތެއްގައި ޖޫރިމަނާކޮށްފައިވަނީ ދެ ސަބަބަކާ ހުރެއެވެ. އެއީ ޕާސްޕޯޓު ގެއްލުމާއި ޕާސްޕޯޓަށް އިހުމާލުވުމުގެ ސަބަބުން ޕާސްޕޯޓަށް ގެއްލުން ލިބުމުގެ މައްސަލަތައްކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އެގޮތުން މިދިޔަ އަހަރު 674 ޕާސްޕޯޓު ގެއްލިގެން ހުށައަޅާފައިވާއިރު ޕާސްޕޯޓަށް ގަސްތުގައި އިހުމާލުވުމުގެ ސަބަބުން ގެއްލުން ލިބިގެން 6 މައްސަލައެއްގައި ޖޫރިމަނާކޮށްފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އިމިގްރޭޝަނުން ވަނީ ރާއްޖޭގެ ބޯޑަރު ޙިމާޔަތްކުރުމާއި ރާއްޖެއަށް އެތެރެވާ މީހުންނާއި ބޭރުވާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދިޔަ އެކި ބާވަތުގެ 1260 މައްސަލައެއް ބަލާފައެވެ. މީގެތެރެއިން 61 މައްސަލައެއް ޚާއްސަ އިސްކަމެއް ދީގެން އިތުރަށް ވަނީ ބަލާފައެވެ. ރާއްޖޭގައި ގަވާއިދާ ޚިލާފަށް ތިބި މީހުން އަނބުރާ ޤައުމަށް ފޮނުވުމަށް ސީދާ އިމިގްރޭޝަނަށް ހުށައެޅުނު އެކި މައްސަލަތަކުގެ ތެރެއިން 2073 މީހަކު ފޮނުވާފައިވާކަމަށްވެސް އިމިގްރޭޝަނުން ހާމަކުރައްވައެވެ. އެކި ސަބަބުތަކަށްޓަކާ ރާއްޖެއިން މިދިޔަ އަހަރު 274 މީހަކުވަނީ އަނބުރާ ނާދެވޭގޮތަށް ޑީޕޯޓްކޮށްލާފައެވެ. އަދި ސިއްޙީ އެކި ސަބަބުތަކަށްޓަކައި 25 މީހަކުވަނީ މިދިޔަ އަހަރު އަނބުރާ ޤައުމަށް ފޮނުވާލާފައެވެ. މީގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން 312 މީހަކު ގެއްލިގެން ރިޕޯޓުކޮށްފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ވީޒާއާ ގުޅޭ މައްސަލަތައް އިތުރުވަމުން އަންނައިރު ޕާސްޕޯޓަށް އިހުމާލުވުންވެސް އިތުރުވަމުން އަންނާތީ އެކަންކަމަށް ސަމާލުކަން ދިނުމަށް އިމިގްރޭޝަނުން އިލްތިމާސްކުރައްވައެވެ. އެގޮތުން ވީޒާގެ މުއްދަތު ހަމަވުމުގެ ކުރިން ވީޒާ ފީދެއްކުމަށް ހަނދާންކުރުމާއި ޕާސްޕޯޓަށް ރައްކާތެރިވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.