ދުނިޔޭގެ ވިޔަފާރި

ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް އިންޑިއާ ސަރުކާރުން ހުށަހަޅައިފި


ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދީ ބޮޑު ހީނަރުކަމަކާއި ކުރިމަތިލާނެ އިންޑިޔާއިން ކުރިއަށް އޮތް އަހަރަށް ބަޖެޓު ހުށަހަޅައިފިއެވެ.

ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވާ ޤައުމުގެ ގޮތުގައި އޮތް އިންޑިޔާގެ އިޤްތިޞާދަށް ބަލިމަޑުކަމުގެ ސަބަބުން ވަނީ ބޮޑު ލޮޅުމެއް އައިސްފައެވެ. އެ ޤައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތް ދަށަށް ގޮސްފައިވާއިރު، ބަލިމަޑުކަމުގެ މި ޙާލަތުގައި އެތައް ބައެއްގެ ވަޒީފާވަނީ ގެއްލިފައެވެ. އެ ޤައުމުގެ ބެންކިން ދާއިރާއަށްވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އިންޑިޔާގެ މާލީ ވަޒީރު ނިރުމަލާ ސިތަރަމަން ހުށަހަޅުއްވާފައިވާ ބަޖެޓަކީ އެ ޤައުމުގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް އަމާޒުކުރާ ބަޖެޓެކެވެ.

މި އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާ ދާއިރާތަކުގެ ތެރޭގައި ޞިއްޙީ ދާއިރާއާއި އުމްރާނީ ތަރައްޤީގެ ދާއިރާ ހިމެނެއެވެ. އޭގެ ބޭނުމަކީ ޤައުމުގެ އިޤްތިޞާދީ ޙަރަކާތްތައް އިތުރުކުރުމެވެ. ނަމަވެސް ޓެކްސް ނަގައި މިންވަރަށް ބަދަލެއް ގެނެސްފައި ނުވާއިރު، އެގޮތަށް ޢަމަލުކުރުމަކީ އިންޑިޔާގެ ފިސްކަލް ޑެފިސިޓު އިތުރުވާނެ ކަމެކެވެ.

ޤައުމަށް ލިބޭ އާމްދަނީއާއި ޚަރަދާއި ދެމެދު އޮންނަ ފަރަގުކަމުގައިވާ ފިސްކަލް ޑެފިސިޓު މިހާރު ހިންގަމުންދާ މާލީ އަހަރުގެ ތެރޭގައި 9.5 އިންސައްތަ އިތުރުވާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. އެއީ 1991 ވަނަ އަހަރުން ފެށިގެން އެ ޤައުމުގެ ޑެފިސިޓު އެހާ ބޮޑު ނިސްބަތަކުން އިތުރުވާ ޢަދަދެވެ.

ކުރިއަށް އޮތް 2021-2022 ވަނަ އަހަރަށް ޑެފިސިޓުގެ މިންވަރު 6.8 އިންސައްތައިގައި ބެހެއްޓުމަށް އިންޑިޔާގެ ސަރުކާރުން ވަނީ އަމާޒުކޮށްފައެވެ. މާލީ ވަޒީރު ވިދާޅުވީ ސަރުކާރުގެ މަޤުސަދަކީ ކުރިއަށްއޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ޑެފިސިޓުގެ ނިސްބަތް ދެބައި ކުޅަ އެއްބަޔަށް ދަށްކުރުންކަމަށެވެ.