ޚަބަރު

ރޯހައުސް ކުއްޔަށް ދޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ކައުންސިލުން ބުނެފި


ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށިން ދޫކޮށްފައިވާ ހައުންސިން ޔުނިޓްތައް ކުއްޔަށް ދޫކުރާ ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފިއެވެ.

ކައުންސިލުން ބުނީ މިގޮތަށް ފިޔަވަޅު އަޅަން ނިންމީ އެންމެފަހުން ދޫކުރި މާފަލު ހިޔާގެ ބައެއް ރޯހައުސްތައް ކުއްޔަށް ދޫކުރާކަމުގެ މައްސަލަތަކެއް ނުރަސްމީކޮށް ކައުންސިލަށް ހުށަހަޅަމުންދާތީކަމަށެވެ. އަދި މާފަލު ހިޔާގެ އިތުރުން ކަނބޯރަނި ހިޔާގެ ބައެއް ރޯހައުސްތައްވެސް ކުއްޔަށް ދޫކުރާކަމުގެ ޝަކުވާވެސް ލިބެމުންދާކަމަށް ކައުންސިލުން ބުނެއެވެ. އެގޮތުން މިހާތަނަށް މާލީ މަންފާ ހޯދުމުގެ ވަސީލަތެއްގެ ގޮތުން 6 ރޯހައުސް ކުއްޔަށް ދޫކުރާކަމުގެ މައުލޫމާތު ނުރަސްމީކޮށް ލިބިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

މިކަމާ ގުޅިގެން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، އެކި މަޝްރޫއުތަކުގެ ދަށުން ދިރިއުޅުމަށް ދޫކޮށްފައިވާ ރޯހައުސްތައް ކުއްޔަށް ދިނުމަކީ ސަރުކާރުގެ ހައުސިން ދޫކުރުމާ ޚިލާފުކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ކަނބޯރަނި ހިޔާގެ ބައެއް ރޯހައުސްތައް މާލީ މަންފާ ހޯދުމުގެ ގޮތުން ކުއްޔަށް ދޫކުރާ މައްސަލާގައި ފިޔަވަޅު އެޅުމަށް މިހާރުވެސް ހައުންސިންގ މިނިސްޓްރީގައި އެދިފައިވާނެކަމަށެވެ. ލަތީފް ވިދާޅުވީ، ދެ ސަރަހައްދުގައިވެސް ކުއްޔަށް ދޫކޮށްފައި ހުރި ރޯހައުސްތައް ބަލައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށެވެ.

މާފަލުހިޔާގެ ރޯހައުސްތައް މަރާމާތުކޮށް ނިންމާ، ރޯހައުސް ލިބުނު ފަރާތްތަކާއި ތަޅުދަނޑި ހަވާލު ކޮށްފައިވަނީ މިދިޔަ ޑިސެންބަރު މަހު ފަހުކޮޅުއެވެ.

ޢަސްލުލުތުފީ

މާލޭސަރަހައްދުގަ ބަލާބަލަ ކިތައް ފުލެޓުތޯ ކުއްޔައްދީފަހުރީ ދިރިއުޅެމުން އެއްކޮޓަރި ކުއްޔައް ދިނުމަކީ މައްސަލައެއްނޫން އެއީ ވިޔަފާރި ކުރިއެރުން ތިދެން ވަކިބަޔެއްވީމަ ވަކިގޮތެއް ހަދާލަނީ