ކޯވިޑް19 ވެކްސިން ޖާހާ މީހުން ގެއަށް ދިއުމަށްފަހު އެއްވެސް ކަހަލަ އެލާޖީ ރިއެކްޝަނެއް އަންނަނަމަ ލަސްނުކުރައްވާ ޑޮކްޓަރަށް ދެއްކުމަށް ޤައުމީ ވެކްސިން ޕްރޮގްރާމްގެ ހެޑް ޑރ.ފާޠިމަތު ނަޒްލާ ރަފީޤް އިލްތިމާސްކުރައްވާއިފއެވެ.
ކޯވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމް މިހާރު ވަނީ ފަށާފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ވެކްސިން ޖެހުމަށްފަހު އާދައިގެ ވަރަކަށް ހުން އައުމާއި ވެކްސިން ޖަހާފައިވާ ތަނަށް ތަދުވުން ފަދަ އާދައިގެ ކަންކަން ދިމާވާނަމަ 1676 ގުޅާ މައުލޫމާތު ހިއްސާ ކުރަންވާނެކަމަށެވެ. އަދި ވެކްސިން ޖަހައިގެން ގެއަށްގޮސް ބޮޑު ކަމެއް ދިމާވެއްޖެނަމަ، ނޭވާއަށް އުނދަގޫވުމާއި ފޮޅު ނެގުންފަދަ ކަމެއް ކުރިމަތިވެއްޖެނަމަ ލަސްނުކުރައްވާ އެ ރަށެއްގައި ހުންނަ ސިއްޙީ މަރުކަޒަށް ގޮސް ޑޮކްޓަރަށް ދައްކަން ވާނެކަމަށް ނަޒްލާ ވިދާޅުވިއެވެ. ކޯވިޑް ވެކްސިން ގިނަ ބަޔަކު ޖެހުމަށް އިލްތިމާސްކުރައްވަމުން ނަޒްލާ ވަނީ މިހާރު އަޅަފައިވާ ފިޔަވަޅުތަކުން ދުރަށް ދެވެންވެސް އޮތީ ގިނަ މީހުންނަށް ވެކްސިން ދީގެންކަމަށެވެ.
ކޯވިޑްގެ ވެކްސިންގެ 0.5 އެމްއެލްގެ ދެ ޑޯޒް ޖަހަންޖެހޭއިރު ފުރަތަމަ ޑޯޒްޖެހުމަށްފަހު ދެވަނަ ޑޯޒް ޖަހަން ޖެހެނީ 4 ހަފްތާ ފަހުންނެވެ. އަދި ވެކްސިން ޖެހުމަށްފަހު 15 މިނެޓް ވަންދެން ވެކްސިން ޖަހާ ތަނުގައި ތިބެންޖެހެއެވެ. އަދި އެލާޖިކެއް ހުންނަ މީހުން 30 މިނެޓް ވަންދެން ހުންނަން ޖެހެއެވެ.
ކޯވިޑް-19 ވެކްސިން ޖެހުމުގެ ސަބަބުން ބައެއް މީހުންގެ ހަށިގަނޑަށް ނޭދެވޭ އަސަރުކުރުން އެކަށީގެންވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މިގޮތަށް ހަށިގަނޑަށް ކުރާ އަސަރުތަކަކީ ގިނަ ފަހަރަށް ވައިރަހާ ދެކޮޅަށް ހަށިގަނޑު ރައްކާތެރިކުރުމަށް ދިފާޢީ ނިޒާމު މަސައްކަތްކުރާ ކަމުގެ އަލާމާތްތަކެއްކަންވެސް އެޗް.ޕީ.އޭއިން ފާހަގަކުރައްވައެވެ. ވެކްސިންގެ ސަބަބުން ކޮށްފާނެ އަސަރުތަކުގެ ތެރޭގައި ހުން އައުމާއި ވަރުބަލިވުމާއި ބޮލުގައި ރިއްސުން އަދި އިންޖެކްޝަން ޖަހާތަނަށް ތަދުވުން ނުވަތަ ދުޅަވުން ހިމެނެއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ވަރަށް އަވަހަށް އަތޮޅުތެރޭގައި ވެކްސިން ދޭންފަށާނެކަމަށާއި މިވަގުތު އަތޮޅުތެރޭގައި ވެކްސިން ޖަހަން ޖެހޭ މީހުންނަށް ރައްކާތެރިކަމާއެކު ވެކްސިން ރައްކާކުރެވޭނެ ކެޕޭސިޓީ އެބަހުރި ކަމަށެވެ. އަދި ވެކްސިން އެއްތަނުން އަނެއް ތަނަށް ގެންދިޔުމަށް ބޭނުންކުރާ ކޯލްޑް ބޮކްސްތަކާއި ވެކްސިން ޖަހާ ތަންތަނުގައި ބޭނުންކުރާނެ ސާމާނު އެބަހުރިކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު ޖަހަމުންދާ ވެކްސިންއަކީ އާއްމުކޮށް ބޭނުންކުރާ ގިނަ ވެކްސިންތައް ބަހައްޓާ ފިނިހޫނުމިނުގައި ބެހެއްޓޭ ވެކްސިންނެވެ. އެގޮތުން މި ވެކްސިން ބަހައްޓަންޖެހެނީ 2 އާއި 8 ޑިގްރީ ސެލްސިއަސްގައެވެ.