ޚަބަރު

ކޯވިޑް-19 : ބ.ކެންދޫއަށް ހޯމް ކަރަންޓީނަށް ދިޔަ މީހަކު ޕޮޒިޓިވްވެއްޖެ


ރިސޯޓަކުން ބ.ކެންދޫއަށް ހޯމް ކަރަންޓީނަށް ދިޔަމީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ކެންދޫއިން ޕޮޒިޓިވްވީ އުމުރުން 31 އަހަރުގެ ފިރިހެނެއްކަމަށާއި މިމީހާއަކީ އެއަތޮޅު އަނަންތަރަ ރިސޯޓްގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށް ކެންދޫ ސިއްޙީ މަރުކަޒުން ވިދާޅުވެއެވެ.

ކެންދޫގައި ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ކަރަންޓީން މުއްދަތު ހަމަވެގެން މިއަދު ފަސް މީހެއްގެ ސާމްޕަލްވަނީ ނަގާފައެވެ. އޭގެ ތެރެއިން އެކަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކެންދޫ ސިއްޙީ މަރުކަޒުން މައުލޫމާތުދެއްވައެވެ.
މިއީ ކެންދޫގައި ހޯމްކަރަންޓީންގައި ހުއްޓާ ޕޮޒިޓިވްވި 3 ވަނަ މީހާއެވެ.

މިދިޔަ ހަފްތާގައި ބ.އަތޮޅު ކުޑަރިކިލުގައި ހޯމް ކަރަންޓީނަށްގޮސް ހުރި އަނަންތަރައިގައި މަސައްކަތް ކުރާ މުވައްޒަފަކުވެސްވަނީ ކޯވިޑް 19 އަށް ޕޮޒިޓިވްވެފައެވެ. މިދެމީހުންގެ ހާލު ރަނގަޅު ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއްވައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ދީފައިވާ ލުއިތަކުގެ ތެރެއިން މާލެއާއި ރިސޯޓުތަކުންވެސް ރަށު ކަރަންޓީނަށް ދެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. ހޯމް ކަރަންޓީންވާ މީހުންގެ ތެރެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުން ދިއުމާއެކު ކަރަންޓީނަށް ރަށްރަށަށް ދާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.