ނިޔަމިކަމުގައި ބޭނުންކުރާ މަޢުލޫމާތު ހިމެނޭ ޗާޓުތައް އަޕްޑޭޓުކުރުމުގެ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ ހައިޑްރޯގްރެފިކް ސަރވޭގެ މަސައްކަތް ފަށައިފިއެވެ. ރާއްޖޭގެ އުތުރުގައި ކުރިއަށްގެންދާ މިސަރވޭގެ ފުރަތަމަ ބުރު ކުރިއަށް ގެންދާނީ ހދ.އަތޮޅުން ފެށިގެން ށ.އަތޮޅާ ދެމެދުގެ ރަށްތަކުގެ އެތެރެވަރީގެ ޗާޓުތައް އަޕްޑޭޓުކުރުމުގެ މަސައްކަތެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑާއި އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް ޑިޕާޓްމަންޓް ގުޅިގެން ކުރިއަށްގެންދާ ހައިޑްރޯގްރެފިކް ސަރވޭގެ ދަށުން ކުޅުދުއްފުށީ އިންޓަރނޭޝަނަލް ސީ ޕޯޓު ހިމެނޭ ސަރަޙައްދުގެ ޗާޓުތައް އަޕްޑޭޓްކޮށް ޕަބްލިޝްކުރުމަށްވަނީ ނިންމާފައެވެ. މިސަރވޭގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވާ އިންޑިއާގެ އަސްކަރީ މަނަވަރު "ދަރްޝަކް" މިހާރު ރާއްޖެއަށް އައިސްފައިވާކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތުދެއްވައެވެ. މިސަރވޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 31 އިން ފެށިގެން މާޗްމަހުގެ 15 ވަނަ ދުވަހާހަމައަށެވެ.
އެމްއެންޑީއެފްއާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއެންޑީއެފް، ކޯސްޓްގާޑްގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމް ވިދާޅުވީ މީގެ އެންމެ ބޮޑު އެއް މަޤްސަދަކީ އިތުރުވަމުން އަންނަ ރާއްޖޭގެ ވިޔަފާރި ރޫޓުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުންކަމަށެވެ. އެގޮތުން މިހާރު ބޭނުންކުރަމުން އަންނަ ޗާޓުތައް އަޕްޑޭޓު ކުރުމުގެ ސަބަބުން ރާއްޖޭގެ އެތެރެވަރީގައި ކުރާ ދަތުރުތަކުގައި ފަރަށް އެރުމާއި އެކްސިޑެންޓުތައް ހިނގުން މަދުކުރެވިގެންދާނެކަމަށާއި އެފަދަ ޙާދިސާތަކުގެ ސަބަބުން ކުރިއަށްގެންދަންޖެހޭ އިންވެސްޓިގޭޝަންތަކަށްވެސް ބޮޑެތި ފަސޭހަތަކެއް މިއާއެކު ލިބިގެންދާނެކަމަށް ކާނަލް މުޙައްމަދު ސަލީމް ވިދާޅުވިއެވެ.
"ރާއްޖޭގައި ސަރުކާރުން ނޫނަސް އަމިއްލަ ފަރާތްތަކުގެ ވެސް އަދި ސަރުކާރު ބައެއް ކުންފުނިތަކުގައިވެސް އެބަހުރި ހައިޑްރޯގްރެފިކް ސަރވޭކުރުމުގެ ޤާބިލުކަން. އެހެންނަމަވެސް އެމަޢުލޫމާތު ސެންޓްރަލީ ބެލެހެއްޓޭނެ ގޮތެއް ނެތީމަ އެކަންކުރުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތްކުރަމުން." ކާނަލް މުޙައްމަދު ސަލީމް ވިދާޅުވިއެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހައިޑްރޯގްރެފިކް ދާއިރާގެ ޓެކްނިކަލް ބޭފުޅެއްކަމަށްވާ ލެފްޓިނެންޓް ކާނަލް އަޙްމަދު ފާތިޙް ވިދާޅުވީ މިއީ ރާއްޖޭގެ ސަލާމަތަށް ނުރައްކާވެދާފަދަ މަޢުލޫމާތު ބޭރުގެ ޤައުމަކަށް ލިބުމުގެ ފުރުސަތު އޮތް ސަރވޭއެއް ނޫންކަމަށެވެ.
"ކޮންމެ ސަރވޭއެއް ކުރާއިރުވެސް ސަރވޭ ކުރިއަށްގެންދާނެ ގޮތުގެ ޕްލޭނެއްކުރެވި އެޕްލޭން ހުށައެޅިގެން ކުރިއަށް މިގެންދެވެނީ ސަރވޭ. އެހެންވީމަ އެއްވެސް ގޮތަކަށް ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ މަޢުލޫމާތެއް މީގެ ތެރެއިން އާއްމުވާގޮތަކަށްނޫން މިކަން ރޭވިގެން ކުރިއަށްމިދަނީ."ލެފްޓިނެންޓް ކާނަލް އަޙްމަދު ފާތިޙް ވިދާޅުވިއެވެ.
އިންޑިއާގެ ބޮޑުވަޒީރު 2019 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އިންޑިއާ ކަނޑުގެ އަމާންކަން ޤާއިމުކުރުމަށް މަސައްކަތް ކުރުމަށް ނިންމަވާ ރާއްޖޭގެ ކަނޑުތަކުގެ ސަލާމަތަށް ދެޤައުމުން ގުޅިގެން މަސައްކަތްކުރުމަށްވަނީ އެއްބަސްވެވަޑައިގެންފައެވެ. މީގެއިތުރުން އެޤައުމު އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދޭއިރު އިންޑިއާއަކީ ސަރަޙައްދީ ޤައުމުތަކުގެ ތެރެއިން މިދާއިރާއިން އެންމެ ބޮޑަށް ކުރިއަރާފައިވާ ޤައުމުކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ ކަނޑުގެ ޗާޓުތައް ތައްޔާރުކޮށް ހެދުމަކީ އެކަމަށް ގިނަދުވަސްތަކެއް ނަގާ މަސައްކަތެއްކަމަށެވެ. އެހެންނަމަވެސް އަމާޒަކީ މިހާރު ކުރިއަށްގެންދާ ސަރވޭގެ މަސައްކަތް ކުރިއަށްއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމި އާއްމުކުރުންކަމަށެވެ. ހައިޑްރޯގްރެފިކް ސަރވޭގެ ދަށުން އެއްކުރެވޭ މަޢުލޫމާތުން ރާއްޖޭގެ ތިމާވެއްޓާއި މަސްވެރިކަމާއި ފަތުރުވެރިކަމަށް ފައިދާތަކެއް ކުރާނެކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
ރާއްޖޭގައި މިހާރު ބޭނުންކުރަމުންދަނީ 1800 ގެ އަހަރުތަކުގައި ސެޓެލައިޓް ފޮޓޯއާއި ހޭންޑް ލެޑްލައިން ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ނެވިގޭޝަނަލް ނުވަތަ ނިޔެވިކަމުގެ މެޕްތަކެކެވެ. އެއަށްފަހު މިޗާޓުތައް އަޕްޑޭޓު ކުރުމަށް 2007 ވަނަ އަހަރު ކުރެވުނު މަސައްކަތުން މިވަގުތު ރާއްޖޭގައި އެތެރެވަރީގެ ލާޖް ސްކޭލް ޗާޓުތައް ހެދިފައިވަނީ ހަމައެކަނި މާލެއާއި އައްޑޫ ސިޓީގެ އިތުރުން އިހަވަންދިއްޕޮޅުގައެވެ.