ސިޔާސީ

ނައިބްރައީސް އަހުމަދު އަދީބް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފި


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ
ޔާމީން އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ހަމަލާގެ ތުހުމަތުގައި ފުލުހުން  ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަހްމަދު އަދީބު ހައްޔަރުކޮށްފިއެވެ.



ނާއިބު ރައީސް
ހައްޔަރުކޮށްފައިވަނީ، ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު މިއަދު ރާއްޖެ
ވަޑައިގެންނެވުމުން އެއަރޕޯޓުންނެވެ. ނައިބު ރައީސް އަހްމަދު އަދީބު
ފުލުހުންގެ ބެލުމުގެ ދަށުން ހައްޔަރުކުރީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި
ހާދިސާގެ ތަހުގީގަށް ކަމަށް ފުލުހުންބުނެއެވެ. މިކަމާއި ގުޅިގެން ފުލުހުން
ބޭއެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް
އަބްދުﷲ ނަވާޒު ވިދާޅުވީ، ނައިބު ރައީސް އަދީބު ހައްޔަރު ކުރީ
ލޯންޗުކޮޅު ތަހުޤީގާއި ގުޅޭ ގޮތުން ކަމަށެވެ.
އަދި މިމައްސަލާގައި ނާއިބު ރައީސް އަދީބުގެ މައްޗަށް ކުރެވޭ ތުހުމަތުތަކެއް
އެބަހުރިކަމަށާއި އެހެންނަމަވެސް ތަހްޤީގުގެ މިހާ ކުރީކޮޅު އެތުހުމަތުތަކާއި އަދި
އެކަމާއިގުޅޭގޮތުން ހުރި ހެކިތަކާއިބެހޭގޮތުން އިތުރު ތަފްސީލު ދެވެން ނެތްކަމަށް
އޭނާ ވިދާޅުވިއެވެ.



ނާއިބު
ރައީސް އަހުމަދު އަދީބަކީ ރައީސް އަވަހާރަކޮށްލުމަށް ދެވުނު ހަމަލާއާއި ގުޅިގެން
މިހާތަނަށް ހައްޔަރުކުރެވިފައިވާ އެންމެ އިސްމަގާމެއްގައި ހުންނެވި ފަރާތެވެ. ނާއިބު
ރައީސް ހައްޔަރުކޮށްފައިމިވަނީ ޗައިނާގައި ބޭއްވި ރާއްޖޭގެ އިންވެސްޓްމަންޓް
ފޯރަމް ހުޅުއްވައިދެއްވުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު
މާލެވަޑައިގެން އެއަރޕޯޓަށް ފައިބައިވަޑައިގެންނެވި ވަގުތުއެވެ. އެމަނިކުފާނު
ފުލުހުންގެ ބެލުމުގެ ދަށުން މިހާރު ދޫނިދުއަށް ގެންދެވިފައިވާކަމަށް ހޯމް
މިނިސްޓަރ އުމަރު ނަސީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ. އަދި
މިނިސްޓަރ އުމަރު ނަސީރު ކުރެއްވި އެހެން ޓުވީޓެއްގައި ނާއިބު ރައީސް އަދީބް ހައްޔަރުކުރެވިފައިވަނީ
ގައުމަށް ޣައްދާރުވުމުގެ ތުހުމަތުގައިކަމަށްވެސް ވިދާޅުވެފައިވެއެވެ.



ނާއިބު
ރައީސް ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ދެވުނު
ހަމަލާއާއި އޭނާއާއި އެއްވެސް ގުޅުމެއް ނުވާކަމަށެވެ. އަނެއްކޮޅުން
ފުލުހުން މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި މަގުމަތީގައި ފުލުހުން ސަލާމަތީ
ކަންތައްތައް ބެލެއްޓުމަށް މަސައްކަތް ކުރަމުންދާނޭކަމަށާއި އެ މަސައްކަތްތަކަށް
އެއްބާރުލުން ދިނުމަށް އާއްމުންގެ ކިބައިން އެދިވަޑައިގެންފައިވެއެވެ. ނާއިބު
ރައީސް ވަޑައިގަތުމާއިދިމާކޮށް ހިގާފާނެ ހަމަނުޖެހުމަކަށް ބަލައި ފުލުހުން މާލޭގެ
ގްރީން ޒޯން ނުވަތަ ދައުލަތުގެ އެންމެ މުހިއްމު މުއައްސަސާތައް ހިމެނޭ ސަރަހައްދު
ބަންދުކޮށްފައިވަނިކޮށް އެސަރަހައްދަށް ވަންނަން އުޅުނު 4 މީހަކު ފުލުހުންގެ
ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުންގެ ތަރުޖަމާން ނަވާޒު ވިދާޅުވިއެވެ. އަމަން
އަމާންކަމަށް ގެއްލޭފަދަ ކަމަށް ފުލުހުން ޖާގަ ނުދެއްވާނެ ކަމަށްވެސް ފުލުހުންގެ
ތަރުޖަމާން ނަވާޒު ވިދާޅުވިއެވެ.