ކޯވިޑް-19އިގެ ވެކްސިން މާދަމާ ރާއްޖޭގައި ޖަހަން ފެށުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމް ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ މާލެ ސަރަހައްދުގެ 5 ތަނަކާއި އައްޑޫއާއި ކުޅުދުއްފުށި ސިޓީގައި މާދަމާ ވެކްސިން ޖަހަން ފަށާނެކަމަށެވެ.
މާދަމާ ވެކްސިން ދޭން ފަށާއިރު މި ރަށްތަކަށް ބޭނުންވާ ވެކްސިން މިހާރު ވަނީ ފޮނުވާފައެވެ. ވެކްސިން ޖަހަން ފަށާއިރު ފުރަތަމަ ޖަހަނީ ކުރީ ސަފުގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިންނަށް އިސްކަން ދީގެންނެވެ. ކުރިއަށް އޮތްތަނުގައި ވެކްސިން ޖަހަމުން ގެންދާނީ ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ އިސްކަންދޭ ތަރުތީބާ އެއްގޮތަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައިވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވެކްސިން ދޭން ފަށާނެ ކަމަށާއި މާލެ ސަރަހައްދުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗް އާއި ހުޅުމާލެ ހޮސްޕިޓަލާއި، ވިލިމާލެ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލުން ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އައްޑޫ ސިޓީން ވެކްސިން ދޭނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުންނެވެ. ކުޅުދުއްފުށިން މިވެކްސިން ދޭނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކަމަށްވެސް އެޗްޕީއޭއިން މަޢުލޫމާތުދެއްވައެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ކޯވިޑް-19 ވެކްސިން "ކޮވިޝީލްޑް" ވެކްސިން ރާއްޖޭގައި ޖެހުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އަދި މިވެކްސިން ޖެހުމުގެ ހުއްދަ އެ އޮތޯރިޓީން ދީފައިވަނީ ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލާ ދިރާސާ ކުރުމަށްފަހު " ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޓުއޭޝަން."ގައި ބޭނުން ކުރުމަށެވެ.
އެމްއެފްޑީއޭއިން ހުއްދަ ދީފައިވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އުމުރުން 18 އަހަރުން މަތީގެ މީހުންނަށް މިވެކްސިން ބޭނުންކުރުމަށެވެ. އަދި މި ވެކްސިން މާބަނޑު މީހުން ބޭނުންކުރުމަށް ހުއްދަ ދޫކޮށްފައި ނުވެއެވެ.
ވެކްސިން ދިނުމުގައި 3 ބަޔަކަށް އިސްކަން ދިނުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޞިއްޙީ ޚިދުމަތުގައި އަދި އިޖްތިމާޢީ ޚިދުމަތުގައި އިސް ސަފުގައި މަސައްކަތްކުރާ މީހުންނާއި، އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ. އަދި އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން މި ބައްޔަށް ހުށަހެޅިއްޖެނަމަ އެކަމުގެ ނުރައްކާ އެންމެ ބޮޑުވާނެ މީހުންނާއި، އަސާސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނާއި، ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންވެސް ހިމެނެއެވެ.
އިންޑިއާ ސަރުކާރުން ރާއްޖެ ހަދިޔާކުރި އޮކްސްފޯޑު ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ގެނެސްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދެއްވާ ގޮތުގައި ރާއްޖެ ގެނައި ވެކްސިން، ރާއްޖޭގެ އާބާދީގެ 50 ހާސް މީހުންނަށް ޖެހޭނެއެވެ. އަދި ސިންގަޕޫރުގެ އެސްޓްރާޒެނެކާއިން އުފައްދާ ކޯވިޑް-19ގެ ވެކްސިންގެ 7 ލައްކަ ޑޯޒް ގަތުމަށް ވެސް ރާއްޖެއިންވަނީ ނިންމާފައެވެ.
"ކޮވިޝީލްޑް"ވެކްސިންގެ 0.5 އެމްއެލް ގެ ދެ ޑޯޒް ޖަހަން ޖެހެއެވެ އަދި ފުރަތަމަ ޑޯޒްއަށް ފަހު ދެވަނަ ޑޯޒް ޖަހަން ޖެހެނީ 4 ހަފްތާއަށް ފަހުނެވެ. ވެކްސިންޖެހުމަށްފަހު ވެކްސިން ޖަހާތަނުގައި މަދުވެގެން 15 މިނިޓްވަންދެން މަޑުކުރަންޖެހޭނެއެވެ. އެލާޖިކެއްހުންނަ މީހެއްނަމަ 30 މިނެޓު މަޑުކުރަންޖެހޭކަމަށް ޑރ.އަޙްމަދު ފައިޞަލް ވަނީ ވިދާޅުވެފައެވެ.
ވެކްސިން ޖަހަން ފެށުމުގެ ކުރިން އެޗްޕީއޭއިން ވަނީ ވެކްސިން ޖަހާދޭނެ ސިއްޚީ ޚިދުމަތްތެރިންނަށް ބޭނުންވާ މަޢުލޫމާތުތަކާއި ތަމްރީން ޕްރޮގްރާމްތައްވެސް ކުރިއަށް ގެންގޮސްފައެވެ.
ކޯވިޑް-19ގެ ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރުމަށް my.health.mv ނަމުގައި ޚާއްސަ ޕޯޓަލްއެއް ވަނީ ތައްޔާރުކޮށްފައެވެ. އެ ޕޯޓަލްގައި މީހަތަނަށް 19،000އަށް ވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީވެފައެވެ.
ކޯވިޑް ގެ ވެކްސިން ޖަހަން ފަށާއިރު މިއަހަރު ފެށުނު އިރު ކޭސްތައް ފެންނަ މިންވަރު ބޮޑުތަނުން އިތުރުވެފައެވެ. ވަކިން ޚާއްސަކޮށް މާލެ ސަރަހައްދުގައި ކޭސްތައް އަންނަނީ އިތުރުވަމުންނެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން ކޭސްތައް ފެންނަ އަދަދު ކުރިއަށްވުރެ އިތުރު ވަމުން އަންނަކަން ފާހަގަކުރެވެއެވެ. މިހާތަނަށް ރާއްޖެއިން 15،000 އަށްވުރެ ގިނަ މީހުންނަށް ވަނީ މިބަލި ޖެހިފައެވެ.