ތަރައްްޤީ

ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް ބޭނުންވާ އިންސްޕެކްޝަންގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި

ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް ބޭނުންވާ އިންސްޕެކްޝަންގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

ސްޓެލްކޯއިން ވިދާޅުވީ، މި އިންސްޕެކްޝަންތައް ނިމުނުހާ އަވަހަކަށް ކަރަންޓް ދިނުމުގެ ޢަމަލީ މަސައްކަތްތައް ފެށިގެންދާނެކަމަށެވެ.

"ހިޔާ" މަޝްރޫޢުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 7000 ހައުސިންގ ޔުނިޓަށް ބޭނުންވާ ކަރަންޓުގެ ޙިދުމަތް ދިނުމަށް ހަމަޖެހިފައިވާ ތާރީޚުގެ ކުރިން ގުޅައިދީ ނިންމާލެވޭނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އަދި އެކަމަށް ބޭނުންވާ އިންސްޕެކްޝަންގެ މަސައްކަތްތައް ފަށައި، ކަނެކްޝަންތައް ބަލައި ފާސްކުރުމުގެ މަސައްކަތް އެކުންފުނީގެ އިންޖިނިއަރިންގ ޓީމުން މިހާރު ކުރަމުންދާކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޭނުންވާ ޔޫޓިލިޓީގެ ޙިދުމަތްތައް ފޯރުކޮށްދިނުމާގުޅޭގޮތުން ސްޓެލްކޯއިން ވަނީ އެމް.ޑަބްލިޔު.އެސް.ސީއާއި އެޗް.ޑީ.ސީގެ އިސްވެރިންނާއި ބައްދަލުކޮށް، މަޝްވަރާކޮށްފައެވެ. ކަމާބެހޭ ފަރާތްތަކާއެކު ކުރިއަށްގެންދިޔަ މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއްކަމަށާއި، ވަރަށް އުއްމީދީ މަޝްވަރާތަކެއް މި ބައްދަލުވުމުގެ ތެރެއިން ކުރެވިފައިވާކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ.


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު މީހުން އާބާދުވާން ފަށާފައިވާއިރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކަރަންޓާއި ފެނާއި، ނަރުދަމާފަދަ ޔޫޓިލިޓީގެ ޙިދުމަތައް ޤާއިމުކުރުމަށް ހިންގާ މަޝްރޫޢުތަކުގެ މަސަައްކަތްތައް ވަރަށް އަވަހަށް ނިމިގެންދާނެކަމަށް މި ބައްދަލުވުމުގައި އެކުންފުނިތަކުން ވަނީ ހާމަކުރައްވާފައެވެ.

"ހިޔާ" ފްލެޓްތަކަށް ބޭނުންވާ ކަރަންޓުގެ ޙިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ތައްޔާރުވަމުންދާއިރު، އެ ފްލެޓްތަކަށް ބޭނުންވާ ފެނާއި ނަރުދަމާ ކަނެކްޝަންތައް ގުޅައިދިނުމުގެ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީން މިދިޔަ އަހަރު ވަނީ ފަށާފައެވެ. އެ މަސައްކަތުގެވެސް ބޮޑުބައެއް ނިމި، ކަނެކްޝަންތައް ޓެސްޓްކުރުމުގެ މަސައްކަތް އެކުންފުނިންވެސް ދަނީ ކުރަމުންނެވެ.

މި މަޝްރޫޢުގެ ދަށުން ހިޔާ ޕްރޮޖެކްޓުގެ ތެރެއިން ޤާއިމުކޮށްފައިވާ 16 ޓަވަރަށް ޖުމްލަ 580 ނަރުދަމާ ނިޒާމްގެ ކަނެކްޝަން ގުޅައިދެވިގެންދާނެކަމަށް އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވެއެވެ. އަދި އެ ސަރަޙައްދަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކާ 11،003 މީޓަރުގެ ނަރުދަމާގެ މައި ނެޓްވޯރކާއި، 283 މޭން ހޯލްއާއި 2 ޕަންޕިންގ ސްޓޭޝަން ޤާއިމުކުރާނެކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.