ހއ.ކެލާގައި ސިޓީ ހޮޓާ އަޅަން 2 ބިމަކާއި، ގެސްޓްހައުސް ތަރައްގީކޮށް ހިންގުމަށް 12 ބިމެއް ބީލަމަށް ހުޅުވާލަން ނިންމާފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.
ކެލާ ކައުންސިލްގެ ރައީސް އާދަމް ޣުފްރާން ވިދާޅުވީ، ކެލާގައި ފަތުރުވެރިކަން ކުރިއަރުވައި، ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިޔުމަށްޓަކައި އެ ރަށުގެ ޓޫރިޒަމް ޒޯނުން، ފަތުރުވެރިކަމަށް ހުޅުވާލައި ބިންތައް ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަސް ތެރޭގައި ބީލަމަށް ހުޅުވާލެވޭވަރު ވާނެކަމަށެވެ.
ޣުފްރާން ވިދާޅުވީ އެރަށުން ގެސްޓްހައުސް ތަރައްގީކުރަން ހުޅުވާލާ ބިމެއްގެ ބޮޑުމިނަކީ، 5 ހާސް އަކަފޫޓުކަމަށާއި އަދި ސިޓީ ހޮޓާ ތަރައްގީ ކުރަން ހުޅުވާލާ ބިމެއްގެ ބޮޑު މިނަކީ، 10 ހާސް އަކަފޫޓުކަމަށެވެ.
ޣުފްރާން ވިދާޅުވީ، މިހާރު ކުރިއަށް ދަނީ އެ ބިންތައް ބީލަމަށް ހުޅުވާލުމުގެ އެންމެފަހުގެ މަސައްކަތްތައް ކަމަށާއި ޓޫރިޒަމް މިނިސްޓްރީން މިހާރު އެމްއޯޔޫގެ ޑްރާފްޓާއި، ބިޑް ޑޮކިއުމެންޓް ވެސް އެކައުންސިލަށް ފޮނުވާފައިވާކަމަށް ޣުފްރާން ވިދާޅުވިއެވެ. އަދި ކުރިއަށްއޮތް ހަފުތާއެއް ނޫނީ ލަސްވެގެން ދެ ހަފުތާއެއްހާ ދުވަސްތެރޭ މި ބިންތައް ބީލަމަށް ހުޅުވާލެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކައުންސިލްގެ އަމާޒަކީ ކެލާގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރުވާ ކުރިއަށްއޮތް ދެ އަހަރެއްހާ ދުވަސްތެރޭގައި އެރަށުގައި ފަތުރުވެރިކަމުގެ 400 އެނދު ތަރައްގީ ކުރެވޭގޮތަށް ކަންކަން ފަހިކޮށް ދިނުން ކަމަށެވެ. އެކަމުގެ ސަބަބުން ކެލާ ރައްޔިތުންނަށް އޭގެ މަންފާލިބި، އާމްދަނީ ހޯދުމަށް އިތުރު މަގުތަކެއް ހޯދާދިނުމަކީ އެ ކައުންސިލްގެ އެންމެ ބޮޑު ވިސްނުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީއިން ވަނީ ކެލާ ތުނޑީ ސަރަހައްދުން 864414 އަކަފޫޓުގެ ބިމާ އަދި އެބިމާ ގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަޙައްދުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަން ހުޅުވާލާފައެވެ. އެ ހޮޓާ ތަރައްގީކުރަން ތިން ފަރާތަކުން ކުރިމަތިލިއިރު، އެ މަޝްރޫޢު ހަވާލުކުރާނެ ފަރާތެއް މިހާރު ވަނީ ކަނޑައަޅާފައި ކަމަށް މައުލޫމާތު ލިބެއެވެ.
ރާއްޖޭގެ އުތުރުގައި ރިސޯޓްތައް މަދު ނަމަވެސް ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ކުރިއަރަމުން އަންނަކަން ފާހަގަކުރެވެއެވެ. ރީތި ނަލަ ގޮނޑުދޮށްތަކެއް ލެވިފައިވާ އެތައްރަށެއް މިސަރަހައްދުގައި އޮތް އިރު މީގެ ތެރެއިން ހއ. ވަށަފަރަކީވެސް ލޯކަލް ޓޫރިޒަމަށް ރަނގަޅު ރަށެއްކަން ފާހަގަކުރެވެއެވެ.