ޚަބަރު

ކޯވިޑް19: 118 މީހުން ޕޮޒިޓިވް، އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް މައްޗަށް


ރާއްޖެއިން އިތުރު 118 މީހުން ކޯވިޑް19އަށް ޕޮޒިޓިވްވެއްޖެއެވެ.

ކޯވިޑްއަށް ފަރުވާދޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ވޭތުވެދިޔަ 24 ގަޑިއިރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00އިން ފެށިގެން ހުކުރު ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އިތުރު 118މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 87 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 21 މީހުންނާއި ރިސޯޓްތަކުން ޕޮޒިޓިވްވި 10 މީހުންނެވެ. އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ޖުމްލަ ޢަދަދުވަނީ 15614 އަށް އިތުރުވެފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 36 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑް-19ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދަކީ 14064 އެވެ.

މިވަގުތު ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 1492އެވެ. ހޮސްޕިޓަލްގައި ފަރުވާދޭ މީހުންގެ އަދަދުވެސް ވޭތުވެދިޔަ 24ގަޑިއިރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 26މީހުން ވަނީ ފަރުވާއަށް އެޑްމިޓްކޮށްފައެވެ. އެއާއެކު މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވަނީ 142 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ކޯވިޑް19އަށް ޓެސްޓުކުރުމަށްޓަކައި 2902 ސާމްޕަލްވަނީ ނަގާފައެވެ. އަދި މިހާތަނަށް ޓެސްޓުކުރުމަށްޓަކައި ނެގި ސާމްޕަލްގެ ޖުމްލަ ޢަދަދުވަނީ 403645އަށް އަރާފައެވެ.

މިބަލީގައި ރާއްޖެއިން 51މީހުންވަނީ ނިޔާވެފައެވެ. އެއީ 43ދިވެހިންނާ، 8ބިދޭސީންނެވެ.