ސިޔާސީ

މިއަހަރު ނިމެންވާއިރަށް އިތުރު 10 ރަށެއްގައި ފުލުހުންގެ ޚިދުމަތް ފެށުމަކީ އަމާޒެއް - މިނިސްޓަރ ޢިމްރާން


މިއަހަރު ނިމިގެންދާއިރު ދިހަވަރަކަށް ރަށުގައި ފުލުހުންގެ ޚިދުމަތް އަލަށް ފެށިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާރޒް ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވީ ވ. ކެޔޮދޫގައި ފުލުހުންގެ ޚިދުމަތް ފެށުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިއަހަރު މުޅިން އަލަށް ފުލުހުންގެ ޚިދުމަތް ފެށި ފުރަތަމަ ރަށުގެ ގޮތުގައި ކެޔޮދޫގައި ޚިދުމަތް ފައްޓަވައިދެއްވަމުން މިނިސްޓަރ ވިދާޅުވީ، އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް, ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން މިއަހަރު މަދުވެގެން ދިހަވަރަކަށް ސްޓޭޝަން ހުޅުވިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި ރައްޔިތުން އުއްމީދުކުރާފަދަ ޚިދުމަތެއް ފުލުހުންގެ ފަރާތުން ލިބިގެން ދިއުމަށް އެދިވަޑައިގަންނަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއީ މުހިއްމު ބޮޑު ޒިންމާއެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެކަމަށްޓަކައި ފުލުހުންގެ މުއައްސަސާ ހިންގަވަން އިސްކޮށްތިއްބެވި ބޭފުޅުން މިއަދު ވަރަށް ހަރުދަނާކަމާއެކު ކަންކަން ތަރުތީބުކުރައްވަމުން ގެންދަވާކަމަށެވެ.

"މިއަދު ރަށްރަށުގެ ހާލަތާ ކުށުގެ ވެށި ވަރަށްބޮޑަށް ތަފާތުވެއްޖެ. އެހެންކަމުން ކޮންމެ ރަށެއްގައިވެސް ފުލުހުން ޤާއިމްވެ ތިބެ, ކައިރިން ޚިދުމަތް ދިނުމަކީ ރައްޔިތުންގެ އަމާންކަމާއި, ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން ބޭނުންވާކަމެއް ކަމަށް މިއަދު ސަރުކާރު ޤަބޫލުކުރޭ. އެސިޔާސަތުގެ ދަށުން ޚިދުމަތް ފުޅާކުރުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. ސަރުކާރުން ވަނީ އެކަމަށް ވަރަށްބޮޑު އިސްކަމެއް ދީފައި" މިނިސްޓަރ ވިދާޅުވިއެވެ.


ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވީ، ރައްޔިތުންގެ އުފާވެރިކަމާއި, ހިތްހަމަޖެހުމާއި, އަމާންކަން ކަށަވަރުވުން އޮތީ ރައްޔިތުންނަށް ވަރަށް މުހިއްމު ދެކަމެއްގެ މައްޗަށްކަމަށެވެ. އެއީ ތަނަވަސްކަމާއި, ރޯދި ބަރަކާތް ލިބުމާއި, އެމީހުންގެ ވެށި އަމާންވެ ރައްކާތެރިވުންކަމަށް ވިދާޅުވިއެވެ. ކެޔޮދޫގައި އެކަށީގެންވާ ވަރުގެ އިޤްތިޞާދީ ހަރަކާތްތައް އެބަ ހިނގާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކެޔޮދޫގެ ރައްޔިތުން އެންމެ ބޮޑަށް މިއަދު އިންތިޒާރުކުރަމުން އައީ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވުމަށް ކަމަށެވެ.

މިއަދު ޕޮލިސް ޕޯސްޓް ހުޅުވުމުން އެމަގަށް އެބަ މަގުފަހިކޮށްދޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެންމެންގެ އެހީތެރިކަމާއެކު ފުލުހުންގެ ޚިދުމަތް ފެށިގެންދާއިރު ތަނަވަސް, ތިޔާގި, އުފާވެރި އަދި އަމާން ރައްކާތެރި ރަށަކަށް ކެޔޮދޫވާނެކަމަށް އުއްމިދުކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކެޔޮދޫގައި ފުލުހުންގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުالله ޝާހިދެވެ. ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި, ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.