ޚަބަރު

ކުޑަރިކިލުންވެސް މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ


ބ.ކުޑަރިކިލުން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އެރަށުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ އަންނަންތަރާ ކިހާވައް ރިސޯޓުން ރަށަށް ގޮސް ކަރަންޓީނުގައި ހުރި މީހެއްކަމަށް ކުޑަރިކިލު ކައުންސިލުން ވިދާޅުވެއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކުޑަރިކިލު ކައުންސިލުން ވިދާޅުވީ އެރަށުން ޕޮޒިޓިވްވި މީހާ އެއްވެސް އިތުރު މީހަކާއި ބައްދަލުވެފައިނުވާކަމަށެވެ. އެމީހާ ޕޮޒިޓިވްވެފައިވަނީ ކަރަންޓީން ނިންމައި ނެގި ރިލީސް ސާމްޕަލުންކަމަށް ރަށު ކައުންސިލުން ވިދާޅުވެއެވެ.

މިއީ ކުޑަރިކިލުން މިހާތަށް ކޯވިޑް-19އަށް ޕޮޒިޓިވްވި 2 ވަނަ މީހާއެވެ. ރާއްޖޭގައި ކޯވިޑް-19ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ދެމުންދާ ލުއިތަކުގެ ތެރެއިން މާލެއާއި ރިސޯޓުތަކުންވެސް ރަށު ކަރަންޓީނަށް ދެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. ހޯމް ކަރަންޓީންވާ މީހުންގެ ތެރެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުން ދިއުމާއެކު ކަރަންޓީނަށް ރަށްރަށަށް ދާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.