ވިޔަފާރި

މިދިޔަ އަހަރު ކަނޑުމަގުން ރާއްޖެއަށް 45000 އަށްވުރެ ގިނަ އުޅަނދު


މިދިޔަ އަހަރު ރާއްޖެއަށް ކަނޑުމަގުން ސާޅީސް ފަސްހާހަށް ވުރެ ގިނަ އުޅަނދު އައިސްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސް ހިސާބުތަަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖޭގެ ކަނޑު ހުރަސްކުރި އުޅަނދުތަކުގެ އަދަދު 45763 އަށް އަރައެވެ. މީގެ ތެރޭގައި 115 ޓުއަރިސްޓު އުޅަނދު ހިމެނެއެވެ. އަދި މިއުޅަނދު ތަކުގައި 9921 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ޓުއަރިސްޓު އުޅަނދުތަކަށް ބަލާއިރު، 115 އުޅަނދުގެ ތެރެއިން މާލެ ބަނދަރަށް 71 އުޅަނދު ކައިރިކުރިއިރު، ރީޖަނަލް ޕޯޓުތަކަށް 44 އުޅަނދު ކައިރި ކުރިއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު 890 ކާގޯ އުޅަނދު ރާއްޖެ ވަނީ އައިސްފައެވެ. މީގެ ތެރެއިން 818 އުޅަނދު ލެފީ މާލޭގެ ބަނދަރަށެވެ. އަދި 72 ކާގޯ އުޅަނދު ލަފާފައިވަނީ ސަރަހައްދީ ބަނދަރުތަކަށެވެ.

މިދިޔަ އަހަރު ރާއްޖޭގެ ކަނޑު ހުރަސްކޮށް ދަތުރު ކުރި އުޅަނދު އަހަރު ފެށުނު އިރު އެވްރޭޖްކޮށް އުޅުނީ 12000 ގައެވެ. އަދި ފެބުރުއަރީ މަހު 14000 އިން މައްޗަށް މިއަދަދު އިތުރުވިއެވެ. ނަމަވެސް ކޯވިޑް ބަލިމަޑު ކަމުގެ ތެރެއިން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއެކު އަދަދުތައް 2000 އަށް ވުރެ ދަށްވެގެން ދިޔައެވެ. އަދި ޖުލައި މަހު ބޯޑަރު ހުޅުވުމާއެކު އޯގަސްޓު މަހު 4000 އަށް ވުރެ މައްޗަށް އުޅަނދު ހުރަސްކުރި އަދަދު ވަނީ އުފުލިފައެވެ. އަދި އަހަރު ނިންމާލީ އެވްރެޖުކޮށް 2000 އާއި 4000 ދެމެދުގެ އަދަދަކަށް އުޅަނދު ހުރަސް ކުރާ ރޭޓުންނެވެ.

އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ކޯވިޑްގެ ސަބަބުން ރާއްޖޭގެ ސަރަހައްދީ ބަނދަރުތައް ބޭނުން ކުރާ މިންވަރު ވަރަށް ބޮޑަށް ދަށްވެގެން ދިޔައެވެ. އަދި ބޯޑަރުތައް ބަންދުކުރުމުން ވަރަށް ބޮޑު އަސަރެއް ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މިހާރު ހާލަތު ރަނގަޅުވަމުން އައިސް ރާއްޖެއަށް ކަނޑުމަގުން އަންނަ އުޅަނދު ފަހަރު އަނެއްކާވެސް ދަނީ އިތުރުވަމުންނެވެ.