ކޯވިޑްގެ ކޭސްއަކާ ގުޅިގެން މޮނިޓަރިންގެ ޙާލަތަށް ގެނެފައިވާ ތޮއްޑޫއިން މިހާތަނަށް ކޯވިޑް19ގެ އިތުރު ކޭސްއެއް ފެނިފައިނުވާކަމަށް ތޮއްޑޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.
މީގެ ދެ ދުވަސްކުރިން ތޮއްޑޫގައި އުޅެފައި މާލެ އައި އެރަށު ޕްރީ ސްކޫލްގެ ޓީޗަރަކު ވަނީ ކޯވިޑްއަށް ޕޮޒިޓިވްވެފައެވެ.
މިކޭސްއާ ގުޅިގެން އެރަށުން ދެ ފަހަރެއްގެ މަތިން މިހާރު ވަނީ ސާމްޕަލް ނަގާފައެވެ. ތޮއްޑޫ ހެލްތް ސެންޓަރުން ވިދާޅުވީ ފުރަތަމަ ބުރުގައި 29 ސާމްޕަލް ޓެސްޓުކޮށްފައިވާކަމަށެވެ. މި ހުރިހާ ސާމްޕަލްތައްވެސް ވަނީ ބައްޔަށް ނެގެޓިވްވެފައެވެ. އަދި އިތުރު 30 ސާމްޕަލް ޓެސްޓުކުރުމަށް މިހާރު މާލެ ފޮނުވާފައިވާކަމަށްވެސް ވަނީ މަޢުލޫމާތުދީފައެވެ.
ފުރަތަމަ ބުރުގައި ޓެސްޓުކޮށްފައިވަނީ ބަލިމީހާގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު މީހުންނެވެ. ސިއްހީ މަރުކަޒުން ވިދާޅުވީ ދެވަނަ ބުރުގައި ޓެސްޓުކުރުމަށް މާލެ ފޮނުވާފައިވާ ސާމްޕަލްތަކަކީ ރޯގާގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކާފައިވާ މީހުންގެ ގައިން ނަގާފައިވާ ސާމްޕަލްތައްކަމަށެވެ.
މި ކޭސްއާ ގުޅުންހުރި އެންމެންވެސް މިވަގުތު ތިބީ ކަރަންޓީންގައެވެ. އަދި ސާމްޕަލް ނަގާފައިވާ މީހުންވެސް ތިބީ ކަރަންޓީންގައެވެ.
ތޮއްޑޫ މޮނިޓަރިންގެ ޙާލަތަށް ގެނައީ އަންގާރަ ދުވަހުއެވެ. މިއާއިއެކު އެޗްޕީއޭގެ ހުއްދަ ނެތި ރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. އަދި ރަށުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅާފައިވާކަމަށް ރަށު ކައުންސިލުން ވިދާޅުވިއެވެ.