ކުޅިވަރު

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2020: ބޮންޑާގެ ހެޓްރިކުން މޮޅުވެ، ބޭރުމަތި ހިންދެމިލައިފި


އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2020 ގައި ކުޅެވުނު 5ވަނަ މެޗު، އެފްސީ ޒެފިޔާ ބަލިކޮށް އެފްސީ ބޭރުމަތި ކާމިޔާބު ކޮށްފިއެވެ. އެފްސީ ބޭރުމަތި މިމެޗު ކާމިޔާބު ކުރީ ފަސޭހަކަމާއި އެކު 1-4 ލަނޑު ލަނޑުންނެވެ.

މިމެޗުގައި ބޭރުމަތި ޓީމަށް އެފްސީ ޒެފިޔާގެ ގޯލު ހުޅުވާލަ ދިނީ 33 ވަނަ މިނެޓުގައި ޝަމްވީލް ޤާސިމް (ބޮންޑާ) އެވެ. މިމެޗުގައި ބޮންޑާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ އިރު، އޭނާ ވަނީ އިތުރު 2 ގޯލު ޖަހައި ދީ ހެޓްރިކް ހަދައިދީފައެވެ. އެގޮތުން ހާފު ނިމުމުގެ ކުރީން ބޭރުމަތި ޓީމަށް އޭނާ ވަނީ ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވެ، ބޮންޑާ ވަނީ އޭނާ 3 ވަނަ ލަނޑު ބޭރުމަތި ޓީމަށް ޖަހައިދީ މެޗުގައި ހެޓްރިކް ހަދާފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ޒެފިޔާ ޓީމުން ހަމަލާތައް އުފެއްދި ނަމަވެސް، ފަހު ހާފުގައި ލިބުނު ފުރުސަތު ތަކުގެ ބޭނުން ނުހިފެއެވެ. މިހާފުގައި އެޓީމުން ކުރި މަސައްކަތުން ވަނީ ސުން ކަނޑާލެވިފަ އެވެ. އެގޮތުން އެޓީމުގެ ހަސަން އިރުފާން 77 ވަނަ މިނެޓުގައި ޓީމަށް ގޯލެއް ކާމިޔާބު ކޮށްދިނެވެ. ބޭރުމަތި ޓީމުން މިހާފުގައި އިތުރު ގޯލެއް ކާމިޔާބު ކުރިއެވެ. އެގޮތުން މެޗުގެ ވަގުތު ހަމަވެ އިތުރު ވަގުތު ތެރޭގައި ބަދަލު ކުޅުން ތެރިއެއްގެ ގޮތުގައި އެރި އިބްރާހިމް އާސިފް ވަނީ އެޓީމަށް ލަނޑެއް ޖަހައި ދީފައެވެ.

މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން، ބޭރުމަތި ޓީމުގެ އެސިސްޓެންޓު ކޯޗު ހައްސާން ރަޝީދު ބުނީ، މެޗައް ނިކުތީ ޒެފިޔާ ޓީމަކީ ވަރުގަދަ ޓީމެއް ކަން އެނގިގެން ކަމަށެވެ. އެގޮތުން އެއް ރަށެއްގެ ދެ ޓީމުގެ ވުމުން ދެ ޓީމަށްވެސް ދެ ޓީމުގެ ކުޅުންތެރިންނާއި ކުޅުން ވަރަށް ބޮޑަށް އެނގޭނެ ކަން އޭނާ ފާހަގަ ކުރިއެވެ.

" ކޮންމެ ޓީމެއްވެސް މެޗަށް އަރަނީ 3 ޕޮއިންޓު ހޯދަން. އެހެން ވީމަ 3 ޕޮއިންޓު ލިބުމަކީ ހިތްހަމަ ޖެހުމެއް. ކުރީ ދުވަހު ޒެފިޔާ ޓިމު ބަލިވިއަސް އަޅުގަނޑުމެންނަށް އެނގޭ މިއީ އެއަށްވުރެ ވަރުގަދަ ޓީމެއް ކަން. ރަށު ޓީމެއް ވީމަ އަޅުގަނޑުމެންވެސް އެޓީމަށް އެނގި އަޅުގަނޑުމެންނަށް ވެސް އެޓީމުގެ ގެ ކުޅުން އެނގޭ. ވަރަށް ވަރުގަދަ ފައިޓެއް ދީފަ އެދިޔައީ. އެޗެލެންޖު މެޗުގެ ތެރެއިން ދިމާވި. ރަށުގެ މުސްތަޤުބަލުގައި ތިބީ މިޒުވާން ކުޅުންތެރިން. އެހެންވީމަ ހިތްހަމަ ޖެހޭ މޮޅުވީމަ. " ހައްސާން ބުންޏެވެ.

މިމެޗުގެ ނަތީޖާއާއި ގުޅޭ ގޮތުން ޒެފިޔާ ކޯޗު އަހުމަދު އަޒްމީން ބުނީ މެޗުގައި ރަނގަޅު ހަމަލާތައް އުފައްދަން ފުރުސަތު ލިބިގެން ދިޔަ ކަމަށާއި، ފުރަތަމަ ހާފުގައި ކުޅެވުނު އިރު ދެވަނަ ހާފުގައި ނުކުޅެވޭ ކަމަށެވެ.

" ކޮންމެ މެޗަކު ވެސް ޒެފިޔާ ޓީމުން ފުރަތަމަ ހާފުގައި ވަރަށް ރަނގަޅަށް ކުޅޭ. ވަކި ހިސާބަކުން ދެވަނަ ހާފުގައި ނުކުޅެވިގެން ދިޔަ. މިއަދުވެސް ފުރަތަމަ ރަނގަޅު ކުޅުނު ނަމަވެސް، ފަހުން އާދައިގެ ގޯލުތަކެއް ބައިކޮޅަށް ވަދެގެން ބަލިވެގެން ދިޔަ ތަން ފެނިގެން މިދިޔައީ. " އަޒްމީން ބުންޏެވެ.

މިމެޗުގެ ނަތީޖާއި އެކު ބޭރުމަތި ޓީމު 6 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގައެވެ. ޒެފިޔާ ޓީމު ކުޅުނު ދެ މެޗުން ވެސް ބަލި ވުމާއެކު ޕޮއިންޓެއް ނުލިބި މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ހަނިވެފައެވެ. މިމުބާރާތުގައި މިއަދު ކުޅޭނީ، ގްރޫޕް ބީ ގެ ފޭދޫ ސްޕޯޓްސް އާއި ފާހި ސްޕޯޓްސް ކްލަބެވެ.