ޚަބަރު

ރާއްޖޭގައި އުފެދޭ ހުރިހާ ކުންޏަކަށް އޮތް ހަމައެކަނި ޙައްލަކީ ތިލަފުއްޓެއް ނޫން


ރާއްޖޭގެ އެކި ރަށްރަށުގައި ނައްތާލަންޖެހޭ އެތައް ހާސްޓަނެއްގެ ކުނި އެބަހުރިކަމަށާއި އެހުރިހާ ކުނި ނައްތާލުމަށް އޮތް ހައްލަކީ ތިލަފުށި ނޫންކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ.ހުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ މިއަދު ކުނި މެނޭޖުކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެތައް އަހަރެއްވީ ކުނި ފުނިޖެހިފައި ރަށްރަށުގައި ހުރި ހުރުންކަމަށެވެ.

ކުނީގެ މައްސަލައަކީ މުޅި ރާއްޖެއަށްވެސް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. އާބާދީ ބޮޑު ރަށްރަށުގައި މިމައްސަލަ ވަކިން ބޮޑެވެ. ކުނީގެ މައްސަލައާއި ގުޅިގެން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ހުސެއިން ރަޝީދު ޙަސަން ވިދާޅުވީ މިސަރުކާރުން ހަވާލުވާންޖެހުނު އެންމެ ބޮޑު އެއްކަމަކީ ވާރުތަވަމުން އައި އެތައް ޒަމާނެއްވީ ކުނި ނައްތާލުންކަމަށެވެ. އެގޮތުން އެތައް އަހަރެއް ވެފައިވާ އެތައް ހާސް ޓަނެއްގެ ކުނި ރައްކާތެރިގޮތުގައި ނައްތާލުމުގެ އިތުރުން ދުވަހުން ދުވަހަށް އުފައްދާ ކުނި ނައްތާލެވޭނެ ނިޒާމެއް ޤާއިމުކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހުރި ކުނި އުފުލަންޖެހޭ ތަނަކީ ތިލަފުށި ކަމަށް ޤަބޫލުކުރުމަކީ އެންމެ ހަރުދަނާ ވިސްނުން ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ރަށްރަށުގައި މިވަގުތު ހުރި ކުނި އަޅާނެ ޖާގައެއް ތިލަފުށީގައި ނެތް އިރު ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރެވޭނެ އެދެވޭ ނިޒާމެއްވެސް އަދި ތިލަފުށީގައި ޤާއިމުނުވާކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވިއެވެ.

"މިސަރުކާރަށް ވާރުތަވި އެންމެ ގިނަ އެކައްޗަކީ ކުނި. މިގޮތަށް ވާރުތަވި ކުނި ނައްތާލުމަށް އަޅުގަނޑުމެން މިދަނީ ވެމްކޯއާއެކު ވާހަކަދައްކަމުން. ކުނީގެ ފަރުބަދަތައް ނަގާ އެކަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ވަރަށް ބައިވަރު ފައިސާ ބޭނުންވޭ. ބޮޑެތި ރަށްރަށުގަ ރަށުގެ އާބާދީގެ ނިސްބަތުން ގިނަ ކުނި އެބަހުރި. ވަރަށް ގިނަ މީހުންނަށް ޤަބޫލުކުރެވިފަ އޮންނަނީ އެހުރިހާ ކުންޏެއް ގެންދަންޖެހެނީ ތިލަފުއްޓަށްކަމަށް. ތިލަފުށީގަ ނެތް ކުނި މެނޭޖްކުރާނެ އެކައްޗެއްވެސް. އެއްވެސް ފެސިލިޓީސްއެއް ނެތް އެތާކު." އެންވަޔަރަންމަންޓް މިނިސްޓަރ ޑރ.ހުސެއިން ރަޝީދު ވިދާޅުވިއެވެ.

ކުނީގެ މައްސަލަ ޙައްލުކުރުމަށް ބޮޑު ޚަރަދެއް ކުރަންޖެހޭއިރު ރައްޔިތުންގެ ވިސްނުންވެސް މިކަމުގައި ބަދަލުވާންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކުނި އުކާލުމަށް ގެއަކުން ނަގާ ފީ ބޮޑުވެގެން ރައްޔިތުން މިހާރުވެސް ޝަކުވާކުރާކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ ރަށްރަށުގައި ޒަމާންތަކެއްވީ ކުނީގެ ފަރުބަދަތައް ހުރިއިރު އެކުނި ނައްތާލުމަށް އެތައް ހޭދައެއް ކުރަންޖެހޭކަމަށެވެ.

ގްރޭޓަރ މާލެ ސަރަޙައްދުން އެކަނިވެސް ދުވާލެއްގެ މައްޗަށް 500 ޓަނުގެ ކުނި ތިލަފުއްޓަށް އުފުލާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ކައިރި ރިސޯޓުތަކުން ގެންނަ ކުންޏާއެކު ދުވާލަކު އެވްރެޖްކޮށް 1000 ޓަނުގެ ކުނި ތިލަފުއްޓަށް ގެންދެއެވެ. މިކުންޏާއެކު ރަށްރަށުން އެތައް ޒަމާނެއްވީ ކުނި ތިލަފުއްޓަށް ގެންގޮސް މެނޭޖްކުރުމަކީ ވާނެކަމެއް ނޫންކަމަށް އެންވަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މިކަން ޙައްލުކުރުމަށް ޒޯންތަކަކަށް ބަހާލައިގެން ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރުތައް ތަރައްޤީކުރުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.