ވިޔަފާރި

މިމަހު އަންނާނެކަމަށް ބެލެވެނީ 90000 ފަތުރުވެރިން- ޓޫރިޒަމް މިނިސްޓަރ


މިއަހަރުގެ ޖަނަވަރީމަހު ރާއްޖެ އަންނާނެކަމަށް އަންދާޒާކުރި އަދަދަށްވުރެ ފަތުރުވެރިން ޒިޔާރަތްކުރި އަދަދު މަދުކަމަށާއި އެހެންނަމަވެސް އުއްމީދަކީ 90000 ފަތުރުވެރިން ގެނައުންކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވޭނެކަމުގެ އުންމީދު އަދިވެސް ބޮޑުކަމަށެވެ. ނަމަވެސް މިނިސްޓްރީން އަންދާޒާކުރި އަދަދަށްވުރެ މި ޖަނަވަރީމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދަށްކަމަށާއި، ނަމަވެސް މަސް ނިމިގެންދާއިރު 90000 ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒުހިފާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ޖަނަވަރީމަސް އަޅުގަނޑުމެން އުންމީދުކުރިހާ ކާމިޔާބީއެއް ނޫން. އެހެންނަމަވެސް ހިތްހަމަޖެހޭ. ޖަނަވަރީ ނިންމާލާއިރުވެސް އަޅުގަނޑުމެން މި ބަލަނީ 90000 އާއި ގާތައް ފަތުރުވެރިން ގެނެވޭނެކަމަށް. އެހެންނޫނީ 90000 ބީޓްކޮށްފައި ދެވޭނެކަމަށް. ކުރިއަށްއޮތް ހަތަރު ފަސްދުވަހެއްގެ އަދަދު އައީމަ އެނގޭނީ." ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން މިއަހަރުގެ އަންދާޒާކޮށްފައިވަނީ 1 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށެވެ. ނަމަވެސް ފަހުން މި އަދަދު ވަނީ ރިވައިޒްކޮށް 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އައިސް ބެޑް ނައިޓްސްގެ އަދަދު 10 މިލިއަނަށް އަރާނެކަމަށް ލަފާކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 73499 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 142515 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވީ، ވަކި މާކެޓްތަކުން ރާއްޖެއަށް ފަތުރުވެރިން ނާންނަނަމަ އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ޔޫކޭ ބަންދުކޮށް އެ ޤައުމުން ރާއްޖެ އަންނަ ފްލައިޓްތައް ހުއްޓުމުގެ ސަބަބުންވެސް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައެވެ. މިނިސްޓަރ ވިދާޅުވީ، ކުރިން ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އައި އިރުމަތީގެ ބައެއް ޤައުމުތަކުގެ މާކެޓުން ރާއްޖެއަށް މިހާރު ފަތުރުވެރިން ނާންނަކަމަށެވެ. މީގެތެރޭގައި ޗައިނާ، ޖަޕާން، ކޮރެއާ މާކެޓް ހިމެނެއެވެ. މި މާކެޓްތަކުން ރާއްޖެއަށް އަލުން މީހުން އަންނަން ފަށައިފިނަމަ މިއަހަރު ކަނޑައެޅި އަމާޒަށް ވާސިލްވެވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށާއި، ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ މުއްދަތުވެސް މީގެސަބަބުން އިތުރުވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ވަކި ޤައުމަކުން މީހުން ނާންނަނަމަ ވަރަށް ކަންބޮޑުވާންޖެހޭ. ޔޫކޭ ބަންދުވުން އެއީ ވަރަށްބޮޑު ގޮންޖެހުމެއް. ވަރަށް ގިނަ ބުކިންގ ތައް ކެންސަލްވި. ވަކިން ޙާއްސަކޮށް ބްރިޓިޝް އެއަރވޭސްގެ ފްލައިޓްތައް އައުން ހަމަ އެއްކޮށް ހުއްޓުނީ. މިހާރު އަޅުގަނޑުމެންނަށް މި ޙަބަރުލިބެނީ ފެބްރުއަރީ މަހުގެ މެދެއްހާ ހިސާބުގައި ސްރީލަންކަން އެއަރލައިންގެވެސް ޑައިރެކްޓް 2 ފްލައިޓް ހަފްތާއަކު އަޅާނެކަމަށް. އަދި ބްރިޓިޝް އެއަރވޭސްގެ ފްލައިޓްތައްވެސް ރިޒިއުމް ކުރާނެކަމަށް. އެހެންވެއްޖިއްޔާ އަނެއްކާ މާކެޓް ރިވައިވްވާނެ." މިނިސްޓަރ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެޤައުމުން ރާއްޖެއަށް ވަނީ 17204 ފަތުރުވެރިން އައިސްފައެވެ. ބޯޑަރު ހުޅުވާލިފަހުން ބައެއް އައު މާކެޓްތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް ވަނީ އިތުރުވާން ފަށާފައެވެ. އޭގެތެރޭގައި ޔޫކްރެއިން، ކަޒަކިސްތާން އަދި ރޯމޭނިއާ ފަދަ ޤައުމުތައް ހިމެނެއެވެ.