ކުޅިވަރު

އިނގިރޭސި އެފް.އޭ. ކަޕްގެ ފަސްވަނަ ބުރަށް ބޯންމޯތު


އިނގިރޭސި އެފް. އޭ. ކަޕްގެ ހަތަރު ވަނަ ބުރުގައި ބޯންމޯތާއި ކްރޯލީ ޓައުން ބައްދަލުކުރިމެޗް ކާމިޔާބުކޮށް މި މުބާރާތުގެ ފަސްވަނަ ބުރުން ބޯންމޯތު ޖާގަހޯދައިފިއެވެ. މިމެޗް ބޯންމޯތު ކާމިޔާބުކުރީ އަމިއްލަ ދަނޑުގައި 2 ލަނޑު އެއްލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 24 ވަނަ މިނެޓްގައި ޖަހައިދިނީ ބޯންމޯތަށް ބަދަލުވި ފަހުން ފުރަތަމަ ފަހަރަށް ކުޅެމުންދިޔަ ޖެކް ވިލްޝަޔަރއެވެ. ތިންވަނަ ބުރުގައި ޕްރިމިއަރ ލީގުގެ ލީޑްސް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދި ލީގު ޓޫގެ ކްރޯލީވަނީ މެޗްގެ 59 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ނަމަވެސް އޭގެ 6 މިނެޓް ފަހުން ބޯންމޯތުންވަނީ އަލުން މިމެޗްގައި ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޖޯޝުއާ ކިންގެވެ.

މިކާމިޔާބީއާއެކު ބޯންމޯތު މި މުބާރާތުގެ ފަސްވަނަ ބުރަށް ދަތުރުކޮށްފައިވާއިރު އެމެޗްގައި ބައްދަލުކުރާނީ ރަށުން ބޭރުގައި އިންގްލިޝް ޕްރިމިއަރ ލީގުގެ ބަރންލީއާއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބޯންމޯތުގެ ކޯޗު ޖޭސަން ޓިންޑާލް ހާމަކުރިގޮތުގައި އޭނާގެ ޓީމް މިމެޗުން މޮޅުވުން ހައްގު ކަމަށާއި އަދި ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް އޭނާގެ ޓީމުން ތަނަވަސް ކުރިކަމަށެވެ. އަދި މިމެޗްގައި އެޓީމަށް އަލަށް ކުޅެމުންދިޔަ ވިލްޝަޔަރގެ ފަރާތުން މިމެޗްގައި ފެނިގެންދިޔައީ ރަގަޅު ކުޅުމެއް ކަންވެސް އޭނާ ފާހަގަކުރިއެވެ.

ކްރޯލީގެ ކޯޗު ޖޯން ޔެމްސް ހާމަކުރިގޮތުގައި ރޭގެ މެޗްގައި އެޓީމް ވާދަކުރީ ވަރަށް ވަރުގަދަ ބޯންމޯތު ޓީމަކާ ކަމަށާއި މިފަހަރުގެ އެފް. އޭ. ކަޕްގެ މުބާރާތުގައި އެޓީމް ނިސްބަތްވާ ލީގު ފަހުރުވެރިވާ ފަދަ ކުޅުމެއް އޭނާގެ ޓީމުން ދައްކައިފިކަމަށެވެ.