ކުޅިވަރު

އިންގްލިޝް ޕްރިމިއަރ ލީގުގެ ތާވަލްގެ އެއްވަނައަށް މެންޗެސްޓަރ ސިޓީ


އިންގްލިޝް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީ އާއި ވެސްޓް ބްރޮމްވިޗް އެލްބިއަން ބައްދަލުކުރިމެޗް ފަސޭހަ ކަމާއެކު ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް ސިޓީ އަރައިފިއެވެ. ވެސްޓް ބްރޮމްގެ ދަނޑުގައި ކުޅުނު މިމެޗް ސިޓީ ކާމިޔާބުކުރީ 5 ލަނޑު ސުންލަނޑުންނެވެ.

މެންޗެސްޓަރ ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ވެސްޓް ބްރޮމްއިން ވާދަވެރި ކުޅުމަކުން ފެށިނަމަވެސް މެޗްގެ ހަވަނަ މިނެޓްގައި ސިޓީންވަނީ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މިސީޒަންގައި އެޓީމަށް މުހިންމު ދައުރެއް އަދާކުރަމުންދާ ޖަރުމަނުވިލާތުގެ އިލްކައި ގުންޑޮގާންއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 20 ވަނަ މިނެޓްގައި ޖަހައިދިނީ ޖާއޯ ކަންސޭލޯއެވެ. މިލަނޑު ޖެހުމަށް ތަނަވަސްކޮށްދިން ބޯޅަ ދިން ބެނާޑޯ ސިލްވަރ އޮފްސައިޑް ގައި ހުރިކަމަށް އެސިސްޓޭންޓް ރެފްރީ ދިދަ ނެގި ނަމަވެސް ރެފްރީ ވަނީ ބޯޅަ ގޯލަށް ވަންނަންދެން ކަށިގަނޑު ނުފުމެ މަޑުކޮށްފައެވެ. އަދި ވެސްޓް ބްރޮމްގެ ކުޅުންތެރިންނަށް ދިދަ ފެނުމާއެކު މަޑުކޮށްލެވުނެވެ. ނަަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ ބެލުމަށްފަހު ނިންމީ އެއީ ލަނޑެއް ކަމަށެވެ. ސިޓީގެ ތިންވަނަ ލަނޑު މެޗްގެ 30 ވަނަ މިނެޓްގައި ފުރަތަމަ ލަނޑުވެސް ޖަހާދިން ގުންޑޮގާން ޖެހިއިރު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އެޓީމްގެ ހަތަރުވަނަ ލަނޑު ޖަހާދިނީ ރިޔާދު މަހްރޭޒެވެ.

މިމެޗްގެ ދެވަނަ ހާފަށް ވެސްޓް ބްރޮމް ނިކުތީ ޑިފެންސް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ބަދަލަކާވެސް އެކުގައެވެ. މިގޮތުން މިހާފްގައި ވެސްޓް ބްރޮމްއިން ވަނީ އެޓީމްގެ ޑިފެންސް ފުރަތަމަ ހާފަށްވުރެ ރަގަޅު ކޮށްފައެވެ. މިހާފްގައި ސިޓީއަށް ކާމިޔާބުކުރެވޭ ގޮތްވީ އެންމެ ލަނޑެކެވެ. އެއީ މެޗްގެ 57 ވަނަ މިނެޓްގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުންދިޔަ ރަހީމް ސްޓަރލިންގ ޖަހައިދިން ލަނޑެކެވެ.

މިކާމިޔާބީއާއެކު އިންގްލިޝް ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލްގެ އެއްވަނަ އަށް ސިޓީވަނީ އަރާފައެވެ. އެއީ 19 މެޗުން ލިބިފައިވާ 41 ޕޮއިންޓާއެކުއެވެ. މިއީ މިފަހަރުގެ ސީޒަންގައި ތާވަލްގެ އެއްވަނަ މަގާމަށް އެރި ނުވަވަނަ ޓީމެވެ. ދެވަނައިގާ އުޅޭ މެންޗެސްޓަރ ޔުނައިޓެޑަށް ލިބިފައިވަނީ 19 މެޗުން 40 ޕޮއިންޓެވެ. ނަމަވެސް މިރޭ އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑާއެކު ކުޅޭ މެޗް ކާމިޔާބުކޮށްފިނަމަ އަލުން މެންޗެސްޓަރ ޔުނައިޓެޑަށް ތާވަލްގެ އެއްވަނަ އަށް އެރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ރޭގެ މެޗުން ބަލިވުމުން ވެސްޓް ބްރޮމް އޮތީ ތާވަލްގެ 19 ވަނައިގައެވެ. އަދި ލިބިފައިވަނީ 20 މެޗުން 11 ޕޮއިންޓެވެ.