ކުޅިވަރު

ފްރީގައިޒް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން ފިސްޑާއަށް


ފްރީގައިޒް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ފިސްޑާ ހޯދައިފިއެވެ. ފުވައްމުލަކުގައި މިރޭ ނިމުނު މުބާރާތުގެ ޗެމްޕިއަންކަން ފުވައްމުލަކު ޔޫތް އެންޑް ސްޕޯރޓްސް އެސޯސިއޭޝަން ( ފިސްޑާ ) ހޯދީ ފޯރިގަދަ އަދި ވާދަވެރި ފައިނަލްގައި 3-2 ސެޓުން އަފުން ޓީމް ބަލިކޮށްގެންނެވެ.މެޗުގެ ފުރަތަމަ ދެ ސެޓް ފިސްޑާ ގެންދިޔައީ 25-15، 25-23 ނެވެ. ނަމަވެސް ޖެހިގެން އައި ދެ ސެޓް 22-25، 26-28 ން އަފުން ޓީމް ގެންދިޔައެވެ. ފަހު ސެޓް ފިސްޑާ ގެންދިޔައީ 15-12 ނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ފިސްޑާގެ މުޙައްމަދު ޝާއިންއެވެ.މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ފިސްޑާގެ މުޙައްމަދު ޝާއިން، އަފުން ޓީމްގެ އިސްމާއީލް ސާޖިދު، އިޝާން މުޙައްމަދު، ޖުނެއިދު އަބުދުﷲ، ދަޑިމަގު އެކުވެރިންގެ މުޙައްމަދު އަހުސަން އަދި ލަންކާ ކުޅުންތެރިޔާ ސަމީރުއެވެ. ފެއަރޕްލޭ ޓީމަކީ ދަޑިމަގު ހުދުކެޑެއެވެ.މިމުބާރާތަކީ ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އަވަށްތަކުގެ މެދުގައި ބޭއްވި މުބާރާތެކެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ މިސްކިތްމަގު އެންމެންގެ ގުޅުމެވެ.