މާލެ ސަރަޙައްދުގައި ވޮލަންޓަރީ ސާމްޕަލް ނެގުމުގެ އިންތިޒާމު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) ހަމަޖައްސައިފިއެވެ. އެޗްޕީއޭއިން ވިދާޅުވި ގޮތުގައި އަމިއްލައަށް ބޭނުންވެގެން ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ މާލެ އާއި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައެވެ.
އެޗްޕީއޭއިން ވިދާޅުވީ ވޮލަންޓަރީ ސާމްޕަލް ނެގުމުގެ ފުރުސަތު ޢާއްމުކޮށް ހުޅުވާލި ނަމަވެސް ބައެއް ފަރާތްތައް އެތަނުން ސާމްޕަލް ނުނެގޭނެ ކަމަށެވެ. އެގޮތުން ކޯވިޑް-19ގެ ޢަލާމާތްތައް ހުންނަ މީހުންނާއި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންނާއި ކޮންޓެކްޓްވާ މީހުންގެ އިތުރުން ރާއްޖެއިން ބޭރަށް ދިޔުމަށް ޓެސްޓް ހެދުމަށް ބޭނުންވާ މީހުންނަށްވެސް ވޮލަންޓަރީ ސާމްޕަލް ނަގާ ތަންތަނުން ސާމްޕަލް ނުނެގޭނެ ކަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ.
ވޮލަންޓަރީ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިޔަށްދާނީ ކުރިން ފްލޫ ކްލިނިކްގެ ގޮތުގައި ބޭނުންކުރި، މާލެ ހިޔާ 2ގެ ފަހަތުގައިވާ ޢިމާރާތާއި ހުޅުމާލޭގައި ހަދާފައިވާ ފްލޫ ކްލިނިކްގައެވެ.
މާލެއިން ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން މެންދުރު 13:00އަށެވެ. އަދި ހަވީރު 17:00އިން ފެށިގެން ރޭގަނޑު 9:00އާ ހަމައަށެވެ. ހުކުރު ދުވަހު ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ ހަވީރު 17:00އިން ފެށިގެން ރޭގަނޑު 9:00އަށެވެ.
ހުޅުމާލޭގެ ފްލޫ ކްލިނިކުގައި ވޮލަންޓަރީ ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހަވީރު 17:00އިން ފެށިގެން ރޭގަނޑު 9:00އާ ހަމައަށެވެ. އަދި ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު މެންދުރު 14:00އިން ހަވީރު 17:00އާ ހަމައަށް ސާމްޕަލް ނެގުމަށް ވަނީ ހަމަޖެހިފައެވެ. ހުކުރު ދުވަސްތަކުގައި ހުޅުމާލެއިން ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ ހަވީރު 17:00އިން ރޭގަނޑު 20:00އަށެވެ.
މާލެ ސަރަޙައްދުގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވާން ފެށުމާއެކު މިސަރަހައްދުގައި އަނެއްކާވެސްވަނީ ކާފިއު އިޢުލާނުކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.