ޚަބަރު

ކޯވިޑް19: ކޭސްއެއް ފެނިގެން ތޮއްޑޫވެސް މޮނިޓަރިންއަށް


ކޯވިޑް-19ގެ ކޭސްއަކާ ގުޅިގެން އއ.ތޮއްޑޫ މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފިއެވެ. އެރަށް މޮނިޓަރިންއަށް ލާފައިވަނީ އެރަށުން މާލެއައި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. މި މީހާ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ރަށުގައި އުޅުމަށްފަހު މާލެ އައިސް ހެދި ޓެސްޓުންނެވެ.

ކޭސްއާ ގުޅިގެން ތޮއްޑޫ މޮނިޓަރިންގެ ޙާލާތަށް ގެންގޮސް މިހާރުވަނީ، ކޮންޓެކްޓް ޓްރޭސްކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި އިތުރަށް ބަލަންޖެހޭ ކަންކަމުގެ މަސައްކަތް އެޗްޕީއޭއާ ރަށުގެ ކޯވިޑް ޓާސްކްފޯސް ގުޅިގެންވަނީ ފަށާފައެވެ. ތޮއްޑޫ މޮނިޓަރިންގެ ޙާލަތަށް ގެނައުމާ ގުޅިގެން އެޗްޕީއޭގެ ހުއްދަ ނެތި ރަށަށް އަރާފޭބުންވަނީ މަނާކޮށްފައެވެ.

ކޯވިޑް-19ގެ ކޭސްތަކާ ގުޅިގެން މިހާރު 4ރަށެއް މޮނިޓަރިންގެ ޙާލަތުގައި އެބައޮތެވެ. މީގެތޭގައި ދެއްވަދޫ ކްލަސްޓާއާ ގުޅިގެން މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވާ ގއ.ދެއްވަދޫއާ އެ އަތޮޅު ދާންދޫ ހިމެނެއެވެ. މި ކްލަސްޓަރގައި 70އަށްވުރެ ގިނަ މީހުންވަނީ ޕޮޒިޓިވްވެފައެވެ. އަދި މިމަހުގެ 24ވަނަ ދުވަހުވަނީ މ.ކޮޅުފުށިވެސް މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ. ކޮޅުފުށި މިހާތަނަށް 9 ޕޮޒިޓިވް ކޭސް ވަނީ ފެނިފައެވެ.