ފުޑް ކޯޓުތަކުގައި ސިޓީ ކައުންސިލުން ހަރުކުރި ބޮލަރޑްތައް އެކައުންސިލުން މިއަދު ނަގައިފިއެވެ. ފުޑްކޯޓުތަކުގައި ބޮލަރޑް ހަރުކުރުމުގެ މަސައްކަތް އެސްޓީއޯއާއި ގުޅިގެން ކައުންސިލުން ފެއްޓެވީ އިއްޔެއެވެ.
ބޮލަރޑް ނުވަތަ ދަގަނޑު ހޮޅިތައް ސިޓީ ކައުންސިލުން ނަގާފައިވަނީ އޭގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ފޮރޮޅު ލީ ގޮނޑީގައި ތިބޭ މީހުންނަށް ފުޑް ކޯޓުތަކަށް ނުވަދެވޭގޮތަށް ބަންދުވުމުން ސޯޝަލް މީޑިއާގައި މިކަމާ ގުޅިގެން ގިނަބައެއްގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. ސޯޝަލް މިޑިޔާގައި އާއްމުކޮށްފައިވާ ފޮޓޯއަކުން ފުރޮޅުލީ ގޮނޑީގައި މީހަކު ފުޑްކޯޓަށް ނުވަދެވިގެން އުޅޭ މަންޒަރުވެސް ފެނިގެންދެއެވެ.
ފުޑް ކޯޓުތަކަށް ވަންނަތަނުގައި ބޮލަރޑް ހަރުކުރުމުގެ ސަބަބުން ނުކުޅޭދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ދުއްވާ ގޮނޑީގައި އުޅޭ ފަރާތްތަކަށް ފުޑް ކޯޓަށް ވަނުމަށް ހުރަސްއެޅޭތީ ސިޓީ ކައުންސިލުން މިހާރުވަނީ މިބޮލަރޑްތައް ނަގާފައެވެ. އަދި މިފަދަގޮތަކަށް މިތަން މަރާމާތުކުރެވުނީތީ އެކަމަށް ސިޓީ ކައުންސިލުންވަނީ މަޢާފަށް އެދިފައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުން ބޭނުންކުރާ ގޮނޑިއަށް ވަދެވޭނެ ގޮތަށް އެހެންނަމަވެސް ސައިކަލްތަކަށް ނުވަދެވޭގޮތަށް ސިޓީ ކައުންސިލާއި އެސްޓީއޯ ގުޅިގެން ބޮލަރޑް ހަރުކުރާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އެއީ ޢާއްމުންގެ ރައްކާތެރިކަމާ ގުޅިފައިވާކަމެއްކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި ފުޑް ކޯޓުތަކުގެ ވަށައިގެން ސައިކަލް ޕާކުކުރެވޭނެ ގޮތްއޮތް އިރުވެސް ބައެއް ފަރާތްތަކުން ފުޑް ކޯޓުގެ ވޯކްވޭގައި ސައިކަލް ޕާކުކުރަމުން އަންނަކަންވަނީ ފާހަގަކުރެވިފައެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން ސިޓީ ކައުންސިލުން ވިދާޅުވީ އެސަރަޙައްދުގައި ބޮލަރޑް ހަރުކުރީ ފުޑް ކޯޓުތަކުގެ އަރިމަތީން ހިނގަން އޮންނަ ވޯކް ވޭގެތެރެއިން މަގު ކުރުކުރުމަށް ސައިކަލުތަކުގައި ގިނަބަޔަކު ވަންނަމުންދާތީ ކަމަށެވެ. އަދި އެތަނުގައި މީގެކުރިންވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މީހަކަށް ބޮޑެތި އަނިޔާތަކެއްވެފައިވާ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.