ކުޅިވަރު

އިނގިރޭސި އެފް.އޭ. ކަޕްގެ ފަސްވަނަ ބުރުން ޓޮޓްނަމް ޖާގަހޯދައިފި


އިނގިރޭސި އެފް. އޭ. ކަޕްގެ ހަތަރު ވަނަ ބުރުގައި އިންގްލިޝް ޕްރިމިއަރ ލީގުގެ ޓޮޓްނަމް ހޮޓްސްޕަރ އާއި ޗެމްޕިއަންޝިޕްގެ ވިކޮމްބް ވޮންޑަރަރސް ބައްދަލުކުރި މެޗް ޓޮޓްނަމް ކާމިޔާބުކޮށް މިމުބާރާތުގެ ފަސްވަނަ ބުރުން ޖާގަހޯދައިފިއެވެ. ވިކޮމްބްގެ ދަނޑުގައި ކުޅުނު މިމެޗް ޓޮޓްނަމް ކާމިޔާބުކުރީ 4 ލަނޑު އެއް ލަނޑުންނެވެ.

ދެޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު އެންމެ ފުރަތަމަ ލީޑު ނެގީ ވިކޮމްބްއެވެ. އެއީ މެޗްގެ 25 ވަނަ މިނެޓްގައި އެޓީމްގެ ފްރެޑް އޮންޔެޑިންމާ ޖަހައިދިން ލަނޑުންނެވެ. ނަމަވެސް ޓޮޓްނަމްއިންވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ގެރެތު ބެއިލް ޖަހައިދިން ލަނޑުން މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިމެޗްގެ ދެވަނަ ހާފްގައި ޓޮޓްނަމްއިން އެޓީމްގެ ކުޅުން ރަގަޅު ކުރި ނަމަވެސް ވިކޮމްބްއިން ދިޔައީ ޓޮޓްނަމުން އުފައްދަމުންދިޔަ ހަމަލާތަށް ދިފާއު ކުރަމުންނެވެ. މިމެޗްގައި ޓޮޓްނަމަށް ފުރަތަމަ ފަހަރަށް ލިޑު ނަގާދިނީ މެޗްގެ 86 ވަނަ މިނެޓްގައި ހެރީ ވިންކް ޖަހައިދިން ލަނޑުންނެވެ. އަދި އެޓީމްގެ ފަހު ދެލަނޑު މެޗްގެ 87 ވަނަ މިނެޓާއި އިތުރުވަގުތުގެ ތިންވަނަ މިނެޓްގައި ޖަހައިދިނީ ޓުންގައި އެންޑޮމްބެލޭ އެވެ.

މިކާމިޔާބީއާއެކު މި މުބާރާތުގެ ފަސްވަނަ ބުރުގައި ޓޮޓްނަމް ބައްދަލުކުރާނީ އެވަޓަންއާއެވެ. މި ސީޒަންގައި ހަތަރު ތަށްޓަށް ވާދަ ކުރުމުގެ ފުރުސަތު އޮތް ޓޮޓްނަމްގެ ކޯޗު މޮރީނިއޯ މެޗަށްފަހު ވަނީ އެޓީމުން ހުރިހާ މުބާރާތެއްވެސް ކާމިޔާބު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ. ޓޮޓްނަމްވަނީ ކަރަބާއޮ ކަޕްގެ ފައިނަލަށް ދަތުރު ކުރުމުގެ އިތުރުން ޔޫރޮޕާ ލީގުގެ ނޮކްއައުޓް ސްޓޭޖަށްވެސް ދަތުރުކޮށްފައެވެ.