ޚަބަރު

"ކޯވިޑް ހުއްޓުވާނީ އަހަރެން" ކެމްޕެއިންގެ ވަނަތައް ހޮވައިފި


މީޑިއާތަކުން ކުރިއަށްގެންދިޔަ "ކޯވިޑް ހުއްޓުވާނީ އަހަރެން" ކެމްޕެއިންގެ ވީޑިއޯ އާއި ފޮޓޯ މުބާރާތުގެ ވަނަތައް ހޮވައިފިއެވެ. މި މުބާރާތަކީ ކޯވިޑް-19އަށް އާއްމުން ހޭލުންތެރިވެފައިވާ މިންވަރު ބެލުމަށާއި ހާލަތު ވަޒަންކޮށްދީ މުޖުތަމަޢު އިތުރަށް ހޭލުންތެރިކުރުމަށް ކުރިއަށްގެންދިޔަ މުބާރާތެކެވެ.

"ކޯވިޑް ހުއްޓުވާނީ އަހަރެން" ކެމްޕެއިންގެ ވީޑިއޯ އާއި ފޮޓޯ މުބާރާތުގެ ވަނަވަނައަށް އައި ފަރާތްތަކަށް ހަނދާނީ ލިޔުމާ އިނާމް ހަވާލުކޮށްދެއްވީ ކުރީގެ ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން އަދި މިހާރު ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒްއެވެ.

މީޑިއާތަކުގެ ކެމްޕެއިން "ކޯވިޑް ހުއްޓުވާނީ އަހަރެން"ގެ ވީޑިއޯ މުބާރާތުގެ އެއްވަނައަށް ހޮވިފައިވަނީ ޝަޢުޤާން ޝަރީފްއެވެ. ދެވަނައަށް ހޮވިފައިވަނީ ޑރ.ފާތިމަތު މުފްލިޙާ. އަދި ތިންވަނައަށް ހޮވިފައިވަނީ އައިޝަތު ޝިމާ އަލީއެވެ.

ފޮޓޯ މުބާރާތުގެ އެއްވަނައަށް ހޮވިފައިވަނީ އާމިނަތު އަބްދުﷲއެވެ. ދެވަނައަށް ހޮވިފައިވަނީ ނޫހް ބިން މުޙައްމަދު އަމީން އަދި ތިންވަނައަށް ހޮވިފައިވަނީ އަޙްޝަމް އަލީ ރަޝީދުއެވެ.

މުބާރާތުގައި ބައިވެރިކުރި ފޮޓޯތަކާއި ވީޑިއޯތަކަށް ވަނަދީފައިވަނީ، އެ ފޮޓޯ ނުވަތަ ވީޑިއޯއިން މުޖުތަމަޢަށް ދެވޭ މެސެޖަށް ބަލައިގެންނެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޯވިޑާމެދު މީހުން ހޭލުންތެރިކޮށް، އާއްމުންނާ ހަމައަށް ސައްޙަ މަޢުލޫމާތު ގެނެސްދިނުމުގައި އެންމެ ބޮޑު ދަޢުރެއް އަދާކުރި ބަޔަކީ މީޑިއާތައްކަމަށެވެ. ކުރިން އަންދާޒާކުރި ބޮޑެތި އަދަދުތަކަށް ނުގޮސް، ކޭސްތަކުގެ އަދަދު މަދުކުރެވުމަކީ މުޅި މުޖުތަމަޢު ގުޅިގެން ކުރި މަސައްކަތްކަން މަބްރޫކް ފާހަގަކުރެއްވިއެވެ. އަދި މުޅި ޙާލަތުން އަރައިގަތުމުގައި އާއްމު ރައްޔިތުންގެ ފަރާތުން އެކި ގޮތްގޮތުން އެހީތެރިކަން ލިބުނުކަމަށާއި، މި ހާލަތުން އަމާން ހާލަތަކަށް ދިއުމުގެ ރޫހު ވަރަށް ބޮޑަށް ފެނުނުކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އާއްމުން ދެއްކީ ޤައުމީ ނަމޫނާއެއް. ފުލުހުންނާ ސިފައިންނާ، އަދި އާއްމު ރައްޔިތުން އަމިއްލައަށް ބޭނުންވެގެން އެހީވާން ނުކުތް. ސާމްޕަލް ނެގުމާއި، ޓްރޭސިންގ މަސައްކަތުގައާއި، ރަށްރަށަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި އާއްމުންގެ ދަޢުރު ބޮޑަށް ފެނިގެންދިޔަ." މަބްރޫކް ވިދާޅުވިއެވެ.

މި ކެމްޕެއިނަކީ ރާއްޖޭގެ ގިނަ މީޑިއާތައް ގުޅިގެން ފެށި ކެމްޕެއިނެކެވެ. ކެމްޕެއިންގެ ސްޓިއަރިންގ ކޮމިޓީގެ ޗެއަރޕަރސަން ސިނާން އަލީ ވިދާޅުވީ ކެމްޕެއިންއިން ޙާސިލްކުރަން ބޭނުންވި ގިނަ ކަންތައްތަކެއް ޙާސިލްކުރެވުނުކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހުކޮޅު ކޭސްތަކުގެ އަދަދުތައް ވަރަށް ބޮޑަށް ދައްކުރެވުނުކަމަށާއި، ބައްޔަށް އާއްމު ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރިކުރެވުނުކަމަށް ވިދާޅުވިއެވެ. އަދި މި ބޭއްވި މުބާރާތްތަކާއިއެކު، ބަލި ކޮންޓްރޯލްކުރުމުގައި ރައްޔިތުންގެ ވިސްނުން އެނގިގެންދިޔަކަމަށްވެސް ސިނާން ވިދާޅުވިއެވެ.

"ވަރަށް އުފެއްދުންތެރި މަސައްކަތްތަކެއް. މިކަމާ ދޭތެރޭ ވިސްނާ ބަލި ކޮންޓްރޯލްކުރުމަށް ދޭ ސަމާލްކަން ފެނުނު. މި ވީޑިއޯތަކާ ފޮޓޯތަކަށް 4 ލައްކަ 50 ހާސް ވިއުސް ލިބުނު. މިއޮތީ އާބާދީގެ ބޮޑު ބަޔަކަށް ފޯރުކޮށްދެވިފަ." ސިނާން ވިދާޅުވިއެވެ.

މި ކެމްޕެއިން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 1ވަނަ ދުވަހުއެވެ. މިއީ މީޑިއާތައް ގުޅިގެން މިހާ ދިގު މުއްދަތަކަށް ކުރިއަށްގެންދިޔަ ފުރަތަމަ ކެމްޕެއިންއެވެ.