ސިޔާސީ

ރާއްޖެއަށް ދަތިކުރުމަށް ނަޝީދުގެ ވަކީލުން އެމެރިކާއަށް ގޮވާލައިފި


ރާއްޖެއަށް ފަތުރުވެރިން ދަތުރުކުރުން މަނާކުރުމާއި، ރާއްޖޭގެ އެކިފަރާތްތަކުގެ މުދާ ގަނޑުކުރުންފަދަ ފިޔަވަޅުތައް އަޅައިދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބިދޭސީ ވަކީލުން އެމެރިކާގެ ރައީސް ބަރަކު އޮބާމާއަށް ގޮވާލައިފިއެވެ.ރައީސް ނަޝީދުގެ ވަކީލުންކަމަށްވާ އަމާލް ކްލޫނީ އާއި ޖެރާޑް ގެންސަރ މިކަމަށް ގޮވާލާފައިވަނީ  ރާއްޖެއަށް ވަރަށް ބޮޑަށް ފާޑުކިޔައި އެކިއެކި ތުހުމަތުތައް ކޮށް އެމެރިކާގެ މަޝްހޫރު މަޖައްލާއެއްކަމަށްވާ ފޮރިން ޕޮލިސީގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައެވެ.މިދެމީހުންގެ ލިއުމުގައި ދިވެހި ރާއްޖެ ސިފަކޮށްފައިވަނީ އުއްމީދެއް ފުރުސަތެއް ޒުވާނުންނަށްނެތް ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ތަނެއްގެގޮތުގައެވެ. އަދި އުއްމީދުތައް ގުޅިފައި އޮތީ އެދެމީހުން ވަކާލާތުކޮށްދޭ ކުރީގެ ރައީސް މުހައްމަދު ނަޝީދަށްކަމަށްވެސް ލިޔެފައިވެއެވެ. އަދި އެހެންކަމުން ނަޝީދު ސަލާމަތްކުރުމަށާއި އަދި އިންސާނީ ހައްގުތައް ދިވެހި ރާއްޖޭގައި ތަންފީޒުކުރުވުމަށް އެމެރިކާގެ އިތުރަށް ކޮމަންވެލްތުންވެސް ދިވެހި ރާއްޖެއަށް ދަތިކުރަންޖެހޭނެކަމަށް ބުނެފައިވެއެވެ. އަދި އެފިޔަވަޅުތައް އިންޑިޔާއިންވެސް އަޅަންޖެހޭނެކަމަށް ބުނެފައިވެއެވެ.ދިވެހިރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް މިހާތަނަށް މިދެމީހުން ގޮވާލާފައިވާ ގޮވާލުމަށް އެއްވެސް ގައުމަކުން އަދި އަޅާލާފައެއް ނުވެއެވެ.ކުރީގެ ރައީސް ނަޝީދު ގެ މައްޗަށް ސާބިތު ވެފައިވަނީ، އެމަނިކުފާނުގެ ދައިރުގައި ޤާނޫނާ ހިލާފައް ކްރިމިނަލް ކޯޓުގެ އިސްގާޒީ ހައްޔަރުކުރި މައްސަލާގައެވެ. ޓެރަރިޒަމްގެ ދައުވާ ކުރެވުނު މި މައްސަލާގެ ކުއް ސާބިތުވެ އެމަނިކުފާނުގެ މައްޗަށް މިހާރު ދަނީ 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.