ޚަބަރު

އިލެކްޝަން ކޮމިޝަންގެ ނާއިބް ރައީސަކަށް ހަބީބު އިންތިޚާބުކޮށްފި


އިލެކްޝަން ކޮމިޝަންގެ ނާއިބް ރައީސަކަށް އެކޮމިޝަންގެ މެމްބަރު އިސްމާޢީލް ހަބީބު އިންތިޚާބުކޮށްފިއެވެ.

އިލެކްޝަން ކޮމިޝަންގެ ނާއިބް ރައީސަކަށް ހަބީބު އިންތިޚާބު ކޮށްފައިވަނީ އިލެކްޝަން ކޮމިޝަންގެ 623 ވަނަ ބައްދަލުވުމުގައި ނެގުނު ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އިލެކްޝަން ކޮމިޝަންގެ ނާއިބް ރައީސްގެ މަޤާމު ހުސްވެފައިވަނީ އެމަޤާމު ފުރުއްވަމުންދިޔަ އަހުމަދު އަކުރަމް މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އަކްރަމް މަޤާމުން އިސްތިއުފާ ދެއްވައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ކޮމިޝަންގެ މެމްބަރުކަމުން އިސްތިޢުފާދެއްވާފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޮމެޓީން އޭނާ މަޤާމުން ވަކިކުރުމަށް ފެންނަކަމަށް ނިންމާފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގަތުމާއި ގުޅިގެންކަމަށެވެ. މިއަދު ކޮމިޝަންގެ ނާއިބް ރައީސްގެ މަޤާމަށް އިންތިޚާބު ކުރެއްވި ހަބީބަކީ ކޮމިޝަންގައި އެންމެ ގިނަ ދުވަސްވީ މެމްބަރެވެ.

އިލެކްޝަން ކޮމިޝަންގެ ޤާނޫނުގެ 7 ވަނަ މާއްދާގައި ބުނެފައިވަނީ ކޮމިޝަނުގެ ރައީސަކާއި، ނައިބު ރައީސަކު ޢައްޔަންކުރާނީ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން، ކޮމިޝަނުގެ މެންބަރުންކަމަށެވެ. ޤާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައިވަނީ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމު، ނުވަތަ ކޮމިޝަނުގެ ނާއިބު ރައީސްކަމުގެ މަޤާމު، ނުވަތަ ކޮމިޝަނުގެ މަޤާމެއް ހުސްވެއްޖެނަމަ، އެމަޤާމެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެމަޤާމަށް މީހަކު އަލުން އިންތިޚާބުކުރަންވާނޭކަމަށެވެ.