ވިޔަފާރި

ހޯރަފުށިން ގެސްޓްހައުސް ތަރައްޤީކުރުމަށް 7 ބިމެއް ބީލަމަށް ހުޅުވާލައިފި


ހޯރަފުށީގައި ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށްޓަކައި އެރަށުން 7 ބިމެއް ގެސްޓްހައުސް ތަރައްޤީކުރަން ދޫކުރުމަށް ރަށު ކައުންސިލުން ނިންމައިފިއެވެ.

ހޯރަފުށީ ޓޫރިޒަމް ޒޯނުން 7 ބިމެއް، އެރަށު ކައުންސިލުން ބީލަމަށް ހުޅުވާލާފައި މިވަނީ އެރަށުން ގެސްޓްހައުސްގެ ވިޔަފާރިއަށް ބިން ދޫކުރުމުގެ އެމްއޯޔޫގައި ހޯރަފުށީ ކައުންސިލާއި، ޓޫރިޒަމް މިނިސްޓަރީއާއި ދެމެދު ސޮއިކުރެވިގެން ދިޔުމާއިއެކުގައެވެ.

ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ އެރަށުން ގެސްޓުހައުސް ތަރައްޤީކުރުމަށް ދޫކުރާ ބިންތަކަކީ ފަތުރުވެރިކަމަށް އެކަށޭނެ ސަރަޙައްދަކުން ދޫކުރާ ބިންތައް ކަމަށެވެ.

"މި ސަރަޙައްދު ކަނޑައެޅިފައިވަނީ ބީޗު ސަރަޙައްދުން. ހޯރަފުއްޓަކީ އެއް ފަޅެއްގެ ތެރޭގައި އަށް ރަށް ކައިރި ކައިރީގައި އެތުރިފައި އޮންނަ ޤުދުރަތީ މުއްސަނދިކަން ލިބިފައި އޮންނަ ރަށެއް. ގެސްޓުހައުސް އަށް ބިންތައް ކަނޑައަޅާފައިވަނީ ލޭންޑު ޔޫސް ޕްލޭންގައި ކަނޑައެޅިފައިވާ ސަރަޙައްދުން" ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ގެސްޓުހައުސް ތަރައްޤީކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އެކި ސައިޒުގެ ބިންތައް ކަމަށެވެ. މިއީވެސް ހަމަ ގެސްޓުހައުސް ތަރައްޤީކުރަން ޝައުގުވެރިވާ ފަރާތްތަކަށް ފަސޭހަކުރުމަށް ކަމަށްވެސް ވަޙީދު ވިދާޅުވިއެވެ.

ހޯރަފުށީގައި މިހާރު ވަނީ ހަތަރު ގެސްޓުހައުސްއެއް ހުޅުވާފައެވެ. އަދި އެރަށުގެ އެއަރޕޯޓު މިދިޔަ އަހަރުތެރޭ ހުޅުވާފައިވާއިރު، ފަތުރުވެރިކަން އެރަށުގައި ތަރައްޤީކުރުމަށް ގިނަ ފުރުސަތުތަކެއް ހުރިކަން އެރަށު ކައުންސިލުން ފާހަގަކުރެއެވެ.

ހޯރަފުށީގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ބިންތަކާއި ގުޅޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ އޮންލައިން ބައްދަލުވުމުގައި ބައިވެރިވާން ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުގެ 14:00ގެ ކުރިން ހޯރަފުށީ ކައުންސިލަށް އީމެއިލް ކުރަން ޖެހެއެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ ފެބްރުއަރީ 3 ވަނަ ދުވަހުގެ 13:00 ގައެވެ. އަދި ބިޑު ހުށަހަޅުއްވަން ޖެހެނީ ފެބްރުއަރީ 18 ވަނަ ދުވަހުގެ 13:00 އަށެވެ.