ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭގޮތުން ސްޕެއިންގެ ސަޖިޓޫރު ކުންފުންޏާއެކު މަޝްވަރާކޮށްފި


ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭގޮތުން ސްޕެއިންގެ ފަތުރުވެރިކަމާބެހޭ އިންޑަސްޓްރީގެ ސަރުކާރުގެ ކުންފުނި ސަޖިޓޫރުއާއެކު ޓޫރިޒަމް މިނިސްޓްރީން މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުން ކުރިއަށްގެންގޮސްފައި ވަނީ ޔޫ.އެން.ޑަބުލިއު.ޓީ.އޯގެ 113 ވަނަ ކައުންސިލް ބައްދަލުވުމަށް ޓޫރިޒަމް މިނިސްޓަރ ސްޕެއިންއަށް ކުރެއްވި ދަތުރުފުޅާއި ގުޅުވައިގެން މިމަހުގެ 21 ވަނަ ދުވަހު ސަޖިޓޫރުގެ އޮފީހުގައެވެ.

މިބައްދަލުވުމުގައި ސްޕެއިން ސަރުކާރުގެ ކުންފުންޏެއްކަމަށްވާ ސަޖިޓޫރުގެ ރައީސް އެންރިކް މާރޓިނެޒް މަރިންއާއި ޑިރެކްޓަރ އޮފް ޓޫރިޒަމް ރިސާރޗް ޑިވެލޮޕްމަންޓް އެންޑް އިނޮވޭޝަން ކާރސް ރޮމާރިއޯ ބައިވެރިވެފައިވެއެވެ. އަދި ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ބައިވެރިވެފައިވަނީ ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުޞޫމް އަދި ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރ ފަޟީލާ ޢަލީއެވެ.

މި ބައްދަލުވުމުގައި ސަޖިޓޫރުގެ ފަރާތުން ސްޕެއިންގެ ފަތުރުވެރިކަން ތަރައްޤީކުރަން ގެންގުޅޭ ސިޔާސަތުތަކާއި، ފަތުރުވެރިކަން ކުރިއެރުވުމަށް އެކުންފުނިން ކުރަމުންގެންދާ މަސައްކަތުގެ މަޢުލޫމާތު ވަނީ ޙިއްސާކޮށްފައެވެ. އަދި ވަކިން ޚާއްސަކޮށް ފަތުރުވެރިކަން ކުރިއެރުވުމުގައި ރިސާރޗާއި ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ އަދި ބޭނުން ކުރަމުންދާ ގޮތްތަކުގެ މަޢުލޫމާތުވެސް ވަނީ ޙިއްސާކޮށްފައެވެ.

މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ މަޢުޞޫމުގެ ވާހަކައިގައި ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގެ ފަތުރުވެރިކަން ފުޅާކޮށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އެކަމުގައި ސަޖިޓޫރުގެ މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް ގިނަކަންތައްތަކެއް ރާއްޖޭގައިވެސް ތަންފީޒުކުރުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރެއްވިއެވެ.

ސަޖިޓޫރަކީ ރިސާރޗާއި އަދި ޓެކްނޮލޮޖީގެ ކުރިއެރުން ބޭނުންކޮށްގެން ފަތުރުވެރިކަން ޒަމާނާއި އެއްގޮތަށް ކުރިއަރުވައި، ދުނިޔޭގެ ފަތުރުވެރިކަމުގެ ވާދަވެރިކަމުގެ ތެރޭގައި ސްޕެއިންއަކީ މަޤުބޫލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމުގެ މަސައްކަތް ކުރުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ.