ޚަބަރު

ހެލްތު މިނިސްޓްރީން 16 ރަށެއްގައި ހިންގާ މަޝްރޫޢުތައް ކައުންސިލްތަކާ ޙަވާލުކޮށްފި


މިނިސްޓްރީ އޮފް ހެލްތުން ރާއްޖޭގެ 16 ރަށެއްގައި ހިންގުމަށް ނިންމާފައިވާ މަޝްރޫޢުތައް ކައުންސިލްތާކާ ޙަވާލުކުރައްވައިފިއެވެ. ކައުންސިލްތަކާއި މަޝްރޫޢުތައް ހަވާލުކުރައްވާފައި މިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުންނެވެ.

މި މަޝްރޫޢުތައް ކައުންސިލްތަކާ ޙަވާލުކުރައްވާފައިވަނީ ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ކޯވިޑް-19ގެ ޙާލަތާގުޅިގެން ކައުންސިލްތަކަށް، މިރަސްމިއްޔާތުގައި ބައިވެރިނުވެވުމުން މަޝްރޫޢުތަކާ ރަމްޒީގޮތުން ޙަވާލުވެވަޑައިގަތީ އެރަށެއް ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނއވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ ރާއްޖެ ފުރިހަމަ ލާމަރުކަޒީ ނިޒާމަކަށް ބަދަލުކުރުމުގެ ގޮތުން އެންމެއިސްކަމެއްދެއްވައިގެން ކުރިޔަށް ދަނީ ޕަބްލިކް ހެލްތު ދާއިރާގެ މަސައްކަތްކަމަށެވެ.

މިއަދު ޙަވާލުކުރި މި މަޝްރޫޢުތަކުގެ ޖުމުލަ އަގު 45 މިލިއަން ރުފިޔާއަށް އަރައެވެ.

" 45 މިލިޔަން ރުފިޔާގެ އަގުހުރި މަޝްރޫޢުތަކެއް މި މަޝްރޫޢުތަކަކީ. އަޅުގަނޑުމެން ގަސްތުކޮށްފައި އޮތީ މި މަޝްރޫޢުގެ މަސައްކަތްތައް ކުރާއިރު ވީހާވެސް ބޮޑަށް ރަށުގެ ރައްޔިތުންނަށް މަންފާތަކެއް ލިބޭނެގޮތަށް ރޭވިގެން ކުރިޔަށް ގެންދިޔުން. ރަށްރަށުގައިވެސް ތިބޭނެ މިފަދަ ޕްރޮޖެކްޓްތައް ހިންގާނެ ފަރާތްތައް، އެފަރާތްތަކަށް އިސްކަން ދެއްވައިގެން ކުރިޔަށް ގެންދިޔުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް." މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

މި މަޝްރޫޢުތަކަކީ 2021ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީގެ ބައިގައި ހިމެނިގހެން ސިއްޙީ ދާއިރާއަށް ކަނޑައަޅާފައިވާ މަޝްރޫޢުތަކެވެ. މިމަޝްރޫޢުތައް ހިންގުމަށް ހަމަޖެހިފައިވަނީ ހއ.އަތޮޅުގެ ތިން ރަށަކާއި، ހދ.އަތޮޅުގެ ދެ ރަށަކާއި، ރ. އަތޮޅުގެ ހަތަރު ރަށަކާއި، އއ.އަތޮޅުގެ ރަށަކާއި، މ.އަތޮޅުގެ ރަށަކާއި، ލ.އަތޮޅުގެ ރަށެއްގެ އިތުރުން ގއ.އަތޮޅުގެ ހަތަރު ރަށެއްގައެވެ.

މި މަޝްރޫޢުތަކުގެ ބިންގާ ކުރިޔަށް އޮތް ދެ މަހެއްހައި ދުވަހުގެ ތެރޭގައި އެޅި މަސައްކަތް ފެށިގެންދިޔުމަކީ މިނިސްޓްރީގެ އަމާޒެކެވެ. ހެލްތު މިނިސްޓްރީއިން ވަނީ މިމަޝްރޫޢުތަކުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް މަޖިލީހުގެ މެންބަރުންވެސް ކައުންސިލްތަކަށް އެއްބާރުލެއްވުން ދެއްވުމަށް އެދިވަޑައިގެންފައެވެ.