މޯލްޑިވްސް އިސްލާމިކް ބޭންކްގެ ގޮތްޕެއް ޤާއިމްކުރުމަށް ބ.އޭދަފުށިން ބިމެއް ދީފިއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކްގެ ގޮތްޕެއް ޤާއިމްކުރުމަށް އޭދަފުށިން ބިން ދީފައިވަނީ ރަށުގެ އުތުރު ފަރާތުން އެރަށުގައި ހުންނަ ބެންކް އޮފް މޯލްޑިވްސް އިމާރާތާ އިންވެގެންނެވެ. 10 އަހަރު ދުވަހަށް ހަވާލުކުރި މި ބިން ހަވާލުކުރާ ދުވަހުން ފެށިގެން ދެ އަހަރު ދުވަހު އެއްވެސް ބިމު ކުއްޔެއް ދައްކާކަށް ނުޖެހެއެވެ. އެހެން ނަމަވެސް ބާކީ 8 އަހަރަށް މަހުކުލީގެ ގޮތުގައި ތިންހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ ދައްކަން ޖެހެއެވެ.
އެމްއައިބީގެ ގޮތްޕެއް އޭދަފުށީގައި ޤާއިމްކުރުމުގެ އެންމެ މުހިންމު އެއްބޭނުމަކީ އަތޮޅުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރައި ގޮސްފައިވާތީ އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެދުމުގެ މަތިންނާ، އަތޮޅުގެ ރައްޔިތުންގެ އެދުމުގެ މަތިންކަމަށް އޭދަފުށީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. މިކަމުގެ މަސައްކަތް ފަށާފައިވަނީ މީގެ ދެއަހަރު ކުރިންކަމަށާ، މިޙިދުމަތް ކުރިއަށް މިއޮތް ދެއަހަރެއްހާދުވަހުގެ ތެރޭގައި ލިބޭނެކަމަށް އުންމީދުކުރައްވާކަމަށް އޭދަފުށީ ކައުންސިލް އިދާރާގެ ރައީސް ތޮލާލް އަބްދުއްރަޙްމާން ވިދާޅުވިއެވެ.
"އަބަދުވެސް ދެކެމުން އައިކަމެއްމީ، އިތުރު ބޭންކެއްގެ ޙިދުމަތް އޭދަފުށިން ފޯރުކޮށްދިނުމަކީ އަދި ހަމައެހާމެ މުހިންމު މިހާރު މި އަތޮޅުގައި އިސްލާމިކް ބޭންކް ގޮތްޕެއްހުރުން އެއީ ގިނަ ރިސޯޓްތަކެއް އޮތުމާ އަތޮޅުގެ ރައްޔިތުން އެދެމުން ދާތީއާވެސް އެކު" އޭދަފުށީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
2006 ވަނަ އަހަރުންފެށިގެން އޭދަފުށީގައި ބެންކް އޮފް މޯލްޑިވްސްގެ ބ.އަތޮޅު ބްރާންޗް ޤާއިމްކޮށް ޙިދުމަތް އަންނަނީ ދެމުންނެވެ.