ވިޔަފާރި

ކޯވިޑާއި ގުޅިގެން ކާބޯތަކެތީގެ ވިޔަފާރީގެ ސިނާއަތުގެ %96.2 މުވައްޒަފުންގެ ވަޒީފާއަށް އަސަރުކުރި


ކާބޯތަކެތީގެ ވިޔަފާރީގެ ސިނާއަތަށް ކޯވިޑް-19ގެ ސަބަބުން ލިބުނު ގެއްލުމާއެކު، މި ސިނާއަތުގައި މަސައްކަތްކުރާ 96.2 އިންސައްތައިގެ މުވައްޒަފުންގެ ވަޒީފާ ގެއްލިފައިވާކަމަށް ރެސްޓޯރެންޓު އެސޯސިއޭޝަނުން ހާމަކޮށްފިއެވެ.

ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ރޭމްގެ ވެބްސައިޓު ލޯންޗުކުުރުމަށް ބޭއްވި ހަފްލާގައި ވާހަކައްކަވަމުން އެ އެސޯސިއޭޝަންގެ ރައީސް ހާމިދު އަފީފު ވިދާޅުވީ ކަބޯތަކެތީގެ ސިނާއަތަށް ލިބިފައިވާ ގެއްލުންތައް އިތުރަށް ދެނެގަތުމަށް އެ އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ ސަރވޭއިން ދައްކާގޮތުން ރާއްޖޭގެ އާބާދީގެ އެއް ލައްކައަށްވުރެ ގިނަ މީހުންނަކީ ސީދާ މި ސިނާއަތުން އާމްދަނީ ލިބޭ ފަރާތްތަކެއް ކަމަށެވެ. އަދި ކޯވިޑްގެ ހާލަތާއި ގުޅިގެން ރެސްޓޯރެންޓް ވިޔަފާރިތަކަށް ކުރި އަސަރު ބާޒާރުގައި ކާބޯތަކެތި ވިއްކާ ފަރާތްތަކުގެ ވިޔަފާރިއަށްވެސް ކޮށްފައިވާ ކަމަށް ހާމިދު އަފީފު ވިދާޅުވިއެވެ.

"ކޯވިޑްގެ ކުރިން ދުވާލެއްގެ މައްޗަށް 13 މިލިއަނާއި 15 މިލިއަނާއި ދޭތެރޭގައި އަޅުގަނޑުމެން ސީދާ ނަގުދު ކޭޝް ބާޒާރަށް ދިޔައީ ވިއްކަމުން، ނަމަވެސް ކޯވިޑުގެ ހާލަތާއި ގުޅިގެން މި އަދަދުވަނީ 4 މިލިއަނާއި 3 މިލިއަނާއި ދެމެދުގެ އަދަދަކަށްވަނީ ދަށްވެފައި،" ހާމިދު ވިދާޅުވިއެވެ.

ހާމިދު ވިދާޅުވީ ރެސްޓޯރެންޓުތަކުން ބާޒާރުން ގަންނަ ތަކެތީގެ އަދަދު ދަށްވުމާއި ގުޅިގެން ބާޒާރުތަކުގެ ސޭޓުންގެ ވަޒީފާތައް ގެއްލި ގިނަ ތަންތަނުގެ ކުލިތައް ނުދެއްކި ރާއްޖޭގެ އިޤްތިސާދަށް ފޫނުބެދޭވަރުގެ ގެއްލުންތައްވެފައިވާ ކަމަށެވެ.

ރެސްޓޯރެންޓު އެސޯސިއޭޝަނުން 'މެމްބަރސް އީވް'ގެ ނަމުގައި ދޮންމަނިކު ސްކައިވިއު ރެސްޓޯރެންޓުގައި ބޭއްވި، މި ހަފްލާގައި ރޭމްގެ ވެބްސައިޓު ލޯންޗުކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާޢީލްއެވެ.

ރެސްޓޯރެންޓް އެސޯސިއޭޝަނުން ހާމަކުރާގޮތުގައި އެސޯސިއޭޝަންގެ ވެބްސައިޓާއެކު އެ އެސޯސިއޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދިޔުމުގައި ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ.

ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އުފެއްދުމުގެ މަޤްސަދުތަކުގެ ތެރޭގައި ރެސްޓޯރަންޓް، ކެފޭ ހޮޓާ ފަދަ ތަންތަނުގެ ވިޔަފާރި ކުރިއެރުވުމާއި އެ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކޮށްދިނުން ހިމެނެއެވެ. މީގެއިތުރުން މެންބަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، މި ދާއިރާއިން މީހުން ބިނާކުރުމަކީވެސް ޖަމުޢިއްޔާގެ މަޤްޞަދެއްކަމަށް ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެއެވެ.