ޚަބަރު

ވެސްޓް ޕާކު ސަރަޙައްދުގައި ހުރި މަސްބާނާ ޕްލެޓްފޯމް އަލުން ތަރައްޤީކުރަނީ


މާފަންނު ވެސްޓް ޕާކު ސަރަޙައްދުގައި މަސްބޭނުމަށް ހަދާފައިވާ ޕްލެޓްފޯމް މަރާމާތުކޮށް އަލުން ބޭނުންކުރެވޭގޮތަށް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ ޕްލެޓްފޯމް ބަންދުކޮށްފައިވަނީ، ވަރަށް ބޮޑަށް ހަލާކުވެ އެތަނަކީ މިހާރު ބޭނުންކުރުން ރައްކާތެރި ތަނަކަށް ނުވާތީކަމަށެވެ.

ޝަމާއު ވިދާޅުވީ އެ ޕްލެޓްފޯމް މުޅިން ނެގުމުގެ ބަދަލުގައި މަރާމާތުކޮށް، ކުރިއެކޭ އެއްގޮތަށް ބޭނުންކުރެވޭނެގޮތް ހަދައިދިނުމަށް ގިނަ ރައްޔިތުންތަކެއް އެދެމުންދާކަމަށެވެ. އެހެންކަމުން މަސްބާނާ ޕްލެޓްފޯމް ކުރިއެކޭ އެއްގޮތަށް އާއްމުންނަށް ބޭނުންކުރެވޭނެހެން ހެދުމުގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވަމުންދާކަމަށް ޝަމާއު ވިދާޅުވިއެވެ.

ވެސްޓް ޕާކު ސަރަޙައްދުގައި ހަދާފައިވާ މަސްބާނާ ޕްލެޓްފޯމަކީ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯގެ އެހީގައި މީގެ އަހަރުތަކެއް ކުރިން ހަދާފައިވާ ތަނެކެވެ. ސިޓީކައުންސިލުން ވިދާޅުވީ ޕްލެޓްފޯމް އަލުން މަރާމާތުކޮށް ހެދުމުގެ މަސައްކަތް ވެސް ކުރަނީ އެސްޓީއޯގެ އެހީގައިކަމަށެވެ. އަދި މިކަމުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދާނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެންކަމަށެވެ. އަދި މިކަމުގެ އެއްބަސްވުންތައް ހެދުމުގެ މަސައްކަތްތައްވެސް މިހާރު ކުރިއަށްދާކަމަށް ޝަމާއު ވިދާޅުވިއެވެ.

"މި ތަނުގެ ޓެކްނިކަލް އެސެސްމަންޓްތަކެއް ހެދުމުގެ މަސައްކަތް ކުރަމުންދަނީ. މިތަން ރޫޅާލާފަ އާ ޑިޒައިނާއެކު ވީހާވެސް އަވަހަށް ރައްޔިތުންނަށް ހުޅުވާލަން މަސައްކަތް މިކުރަނީ. މަސައްކަތްކުރަނީ އަހަރުގެ މެދުތެރެއަށް ދިއުމުގެ ކުރިން މަސައްކަތް ނިންމާ ހުޅުވާލުމަށް." ޝަމާއު ވިދާޅުވިއެވެ.

މާފަންނު ވެސްޓްޕާކް ސަރަޙައްދުގައި ހުރި މަސްބާނާ ޕްލެޓްފޯމުން ބައެއް ވެއްޓި، 2020ވަނަ އަހަރުވަނީ 2 މީހަކަށް އަނިޔާވެސްވެފައެވެ. ޕްލެޓްފޯމް ބަންދުކުރީ މި ޙާދިސާއާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

މާފަންނު ވެސްޓް ޕަރކް ސަރަޙައްދަށް މިހާރުވަނީ ބޮޑު ބަދަލުތަކެއް ނެގެފައެވެ. އެގޮތުން ރަސްފަންނުގެ ބައެއްގެ ގޮތުގައި ބަންދުކުރި މަގު އަލުން ހަދާ ހުޅުވުމާއި، އެތަނުގައި ޕާކެއް ތަރައްޤީކުރުމާއި އަދި ބަސް ސްޓޮޕެއްވެސް ވަނީ ހަދާފައެވެ. އަދި މަސްބާނާ ޕްލެޓްފޯމް މަރާމާތުކޮށް އަލުން ހުޅުވޭއިރު، އާއްމުންނަށް ހިތްހަމަޖެހޭފަދަ މާޙައުލަކަށް އެތަން ވެގެންދާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.