ވިޔަފާރި

އެމްޑަބްލިޔުއެސްސީން ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ފަށަނީ

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީން ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ބުނެފިއެވެ.

ބިއްލޫރި ފުޅީގައި ފެން ބަންދުކުރުމުގެ މަސައްކަތް ފެށުމަށް އެމްޑަބްލިޔުއެސްސީން މަސައްކަތް ފަށާފައިވާއިރު، އެކުންފުނިން މިހާރު ފެން ބަންދުކުރަމުންދަނީ ޕްލާސްޓިކް ފުޅީގައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެމްޑަބްލިޔުއެސްސީގެ ޖެނެރަލް މެނޭޖަރ މެނުފެކްޗަރިންގ އިސްމާޢީލް އާމިރު ވިދާޅުވީ މިހާރު ޕްލާސްޓިކް ފުޅީގައި ބަންދުކުރަމުންދާ ފެން ބިއްލޫރި ފުޅީގައި ބަންދުކުރަން މަސައްކަތް ކުރަމުންދަނީ ސަރުކާރުން އެއް ފަހަރު ބޭނުންކުރާ ޕްލާސްޓިކާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. އާމިރު ވިދާޅުވީ ޕްލާސްޓިކްއާ ދެކޮޅަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

އެމްޑަބްލިޔުއެސްސީން ސަރުކާރުގެ ސިޔާސަތުތަކަށް އަހުވެރިވުމުގެ މަސައްކަތް ކުރާކަން ފާހަގަކުރައްވައި، އާމިރު ވިދާޅުވީ ޕްލާސްޓިކް ފުޅިގައި ފެން ބަންދުކުރާ ނިސްބަތް މަދުކޮށްފައިވާކަމަށެވެ. އަދި މިހާރު އަމާޒު ހިފާފައިވަނީ ބިއްލޫރި ފުޅީގައި ފެން ބަންދުކުރުމުގެ މަސައްކަތް ފެށުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

"ފުރަތަމަ ދުވަހުން ފެށިގެންވެސް ސަރުކާރުގެ މި ސިޔާސަތުތަކަށް އަހުލުވެރިވާން، އޭގެ އިމްޕްލިމެންޓޭޝަން ކުރިޔަށް ގެންދިޔުމަށް ވާނީ ފިޔަވަޅުތަކެއް އަޅަން ފަށާފައި. އެގޮތުން ޕްލާސްޓިކްއާ ދުރައްދިޔުމުގެ ގޮތުން، ޕްލާސްޓިކް މަދުކުރުމުގެ ގޮތުން އަޅުގަނޑުމެން ވަރަށް ގިނަ ފިޔަވަޅުތަކެއް ކުރިން އެޅިން. އެއީ ޕްލާސްޓިކް ބޭނުންކުރާ މިންވަރު ފުރަތަމަކަމަކަށް މަދުކުރިން. އޭގެ ފަހުން މިހާރު ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަމުން މިގެންދަނީ ބިއްލޫރި ފުޅިޔަށް ބަދަލުކުރަން." އިސްމާޢީލް އާމިރު ވިދާޅުވިއެވެ.

އާމިރު ފާހަގަކުރެއްވި ގޮތުގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ފަށާއިރުވެސް ދެ ޕްރޮޖެކްޓެއް ކުރިޔަށް ގެންދިޔުމަށް އެމްޑަބްލިޔުއެސްސީން ނިންމާފައިވެއެވެ. އެގޮތުން ޕްރިމިއަމް ޕްރޮޑަކްޓެއް ނެރުމުގެ މަސައްކަތުގެ އިތުރުން މިހާރު ނެރެމުންދާ ތާޒާ ފެން ބިއްލޫރި ފުޅިޔަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑަބްލިޔުއެސްސީން ބިއްލޫރި ފުޅީގައި ފެން ބަންދުކުރުމަށް މަސައްކަތްކުރަމުންދާއިރު ފެނަކަ ކޯޕަރޭޝަނުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަނީ ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ޕްލާންޓެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައެވެ.

ސަރުކާރުން ޕްލާސްޓިކްއާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި ވަނީ އެއް ފަހަރު ބޭނުންކުރާ ޕްލާސްޓިކް އެތެރެކުރުން މަނާކުރުމާއި ބެހޭ ޤާނޫނެއް ތަސްދީޤްކޮށް، އެ ޤާނޫނުގެ ދަށުން ބައެއް ބާވަތްތަކުގެ ޕްލާސްޓިކް އެތެރެކުރުން މަނާކުރުމަށް ނިންމާފައެވެ.