ޚަބަރު

"މުޅި އާބާދީއަށް ކޯވިޑް-19ގެ ވެކްސިންދޭ ފުރަތަމަ ޤައުމަކަށް ރާއްޖެ"


އެސްޓްރާޒެކެނާއާ އެކުވެފައިވާ އެއްބަސްވުމައެކު މުޅި އާބާދީއަށް ވެކްސިންދޭ ފުރަތަމަ ޤައުމަކަށް ރާއްޖެވުމުގެ ފުރުސަތު ބޮޑުކަމަށް ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އެސްޓްރާޒެނެކާއިން ރާއްޖޭގެ މުޅި އާބާދީއަށް ވާވަރަށް ވެކްސިން ލިބޭނެކަމުގެ ޔަގީންކަން އެކުންފުނިން ދިވެހި ސަރުކާރަށް ދެއްވާފައިވާކަން މިނިސްޓަރވަނީ ހާމަކުރައްވާފައރެވެ.

އިންޑިއާގެ ސިރަމް އިންސްޓިޓުއުޓުން އުފައްދާފައިވާ ކޮވިޝީލްޑްގެ އެއްލައްކަ ޑޯޒް ރާއްޖެއަށް ގެނައުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވެކްސިނާ ޙަވާލުވެވަޑައިގެން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވީ ވެކްސިން ގެނައުމުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށެވެ. އެގޮތުން ޑަބްލިއުއެޗްއޯ މެދުވެރިކޮށް ބައިނަލްއަޤުވާމީ ވެކްސިން ޕްރޮގްރާމް މެދުވެރިކޮށް ވެކްސިން ގެނައުމުގެ މަސައްކަތް ކުރައްވަމުންގެންދަވާއިރު މުޅި އާބާދީއަށް ވާވަރަށް ވެކްސިން ގަތުމުގެ މަސައްކަތްވެސް ކުރައްވަމުންގެންދަވާކަން ފާހަގަކުރައްވައި މިނިސްޓަރވަނީ މިކަމުގައިވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް ވިދާޅުވެފައެވެ.

ވެކްސިން އުފައްދާ އެސްޓްރާޒެނެކާއާ ސީދާ ގުޅިގެން ރާއްޖެއަށް ވެކްސިން ގެނައުމަށް މަސައްކަތްކުރައްވަމުންގެންދަވާކަމަށާ، މުޅި އާބާދީއަށް ވެކްސިންދެވޭނެ މިންވަރަށް ވެކްސިން ރާއްޖެއަށް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އެކުންފުނިން ދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއާއެކު ވެކްސިން މުޅިއާބާދީއަށް ވެކްސިންދެވޭ ފުރަތަމަ ޤައުމަށް ރާއްޖެވުމުގެ ފުރުސަތު ވަރަށް ބޮޑުކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާއިން ކޯވިޑް-19ގެ ޙާލަތުގައި އަވައްޓެރި ޤައުމުތަކަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އެޤައުމުގެ ބޮޑުވަޒީރަށާއި ރައްޔިތުންނަށް ހެލްތު މިނިސްޓަރުވަނީ ޝުކުރުއަދާކުރައްވާފައެވެ.

އިންޑިއާގެ ސިރަމް އިންސްޓިޓުއުޓުން ތައްޔާރުކޮށްފައިވާ އެސްޓްރާޒެނެކާ އަދި އޮކްސްފޯޑްގެ ވެކްސިންގެ އެއްލައްކަ ޑޯޒް ރާއްޖެއަށްވަނީ ހަދިޔާކޮށްފައެވެ.