ކުޅިވަރު

ކްލިކް ކޮލެޖާއެކު ބައިކް މޯލްޑިވްސްއިން ޕާޓްނަރޝިޕް އެއްބަސްވުމެއް


ކްލީކް ކޮލެޖުގެ ދަރިވަރުންނަށް ބައިސްކަލް ދުއްވަން ދަސްކޮށްދިނުމުގެ ގޮތުން ބައިކް މޯލްޑިވްސްއާއެކު ކްލިކް ކޮލެޖުން ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ބައިކް މޯލްޑިވްސް އަކީ ބައިސިކަލް ދުއްވުމުގައި ޔުނިއަން ސައިކްލިންގް އިންޓަނޭޝަނަލް ނުވަތަ ޔޫ.ސީ.އައި.އައި އިން ބަލައިގެންފައިވާ ރާއްޖޭގެ ރަސްމީ ފެންވަރުގެ އެސޯސިއޭޝަންއެކެވެ. ކްލިކް ކޮލެޖާއެކު ވެފައިވާ މިއެއްބަސްވުމުގައި ކްލިކް ކޮލެޖުގެ ފަރާތުން ސޮއިކުރީ ކްލީކް ކޮލެޖުގެ އެކަޑަމިކް ޑީން އަލްފާޞިލާ ދުންޔާ ހަމީދް އަދި ބައިކް މޯލްޑިވްސްގެ ފާރާތުން މިއެއްބަސްވުމުގައި ސޮއިކުރީ ވައިސް ޗެއަރޕަރސަން އާމިނަތު ލަތީފާއެވެ.

ބައިކް މޯލްޑިވްސްގެ މަޤުސަދަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރުމުގެ ތެރެއިން ރައްޔިތުންގެ މެދުގައި ސިއްޙަތަށް ފައިދާހުރި އާދަތައް އަށަގެންނެވުމެވެ. އަދި މިއާއެކު ދަރިވަރުންގެ މެދުގައި ބައިސިކަލް ދުއްވުމަކީ އާއްމު ކަމެއްގެ ގޮތުގައި ތަޢާރަފުކޮށް، ފަރިތަކުރުމެވެ.

މި އެއްބަސްވުމުގެ ދަށުން ދެފަރާތުގެ އެއްބާރުލުމާއި އެކު ކްލީކް ކޮލެޖުގެ ދަރިވަރުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ހަރަކާތް ތަކުގައި ބައިވެރިވެ، ފަރިތަކުރުންތައް އެކުލަވާލުމަށް އެހީތެރިވެވޭނެއެވެ. މީގެއިތުރުން، ބައިސިކަލް ހޯދުން ނުވަތަ ގަތުމުގައި އިރުޝާދު ބޭނުންވާ ދަރިވަރުންނަށާއި، އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވާ ހިސާބުތަކަށް ބައިސިކަލް އުޅަނދުތައް ގެންގޮސްދިނުމަށް ބައިކް މޯލްޑިވްސްގެ ޓީމުން އެހީތެރިކަން ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.