ވިޔަފާރި

ވެކްސިން ސެޓްފިކެޓާއިއެކު ފަތުރުވެރިކަން އަލުން ފެށޭނެ: ޔޫއެންޑަބްލިއުޓީއޯ


ވެކްސިން ޖެހިކަމުގެ ސެޓްފިކެޓާއިއެކު އެއްޤައުމުން އަނެއްޤައުމަށް ދަތުރުކުރެވޭނެ މަގުފަހިވުމަކީ ފަތުރުވެރިކަން އަލުން ފެށުމަށް މުހިންމުކަމެއްކަމަށް ޔޫއެންޑަބްލިއުޓީއޯގެ މެންބަރު ޤައުމުތަކުން ބުނެފިއެވެ.

މެންބަރު ޤައުމުތަކުން މިހެން ބުނެފައިވަނީ ޔޫއެންޑަބްލިއުޓީއޯގެ "ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީ" ގެ 8 ވަނަ ބައްދަލުވުމުގެ ތެރެއިންނެވެ.

ޔޫއެންޑަބްލިއުޓީއޯގެ "ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީ"ގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޔޫއެންޑަބްލިއުޓީއޯ ކޮމިޝަން އޮފް ސައުތު އޭޝިއާގެ މިހާރުގެ ޗެއަރގެ ހައިސިއްޔަތުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ސްޕެއިންގެ މެޑްރިޑްގައެވެ.

މި ބައްދަލުވުމުގެ މައިގަނޑު ތީމްއަކީ ދުނިޔޭގެ ފަތުރުވެރިކަމަށް ކޯވިޑް އާއި ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކުން ހައްލެއް ހޯދައި، ފަތުރުވެރިކަން އަލުން ފެށުމެވެ. އެގޮތުން މިހާރު ތައާރަފްކުރަމުންދާ ވެކްސިން އާބާދީގެ ބޮޑުބަޔަކަށް ބޭނުންކުރެވި ވެކްސިން ޖެހިކަމުގެ ސެޓްފިކެޓް ހިފައިގެން އެއްގައުމުން އަނެއްގައުމަށް ދަތުރުކުރެވޭނެ މަގުފަހިވުމަކީ ފަތުރުވެރިކަން އަލުން ފެށުމަށް ކޮންމެހެންވެސް ބޭނުންކަމެއްގެ ގޮތުގައި ބައްދަލުވުމުގައި ގިނަ މެންބަރުން ވަނީ ފާހަގަކޮށްފައެވެ.

މި ކޮމެޓީއަކީ ކޯވިޑް19އާ ގުޅިގެން ދުނިޔޭގެ އެކި ޤައުމުތަކުގެ ފަތުރުވެރިކަމަށް ދިމާވާނެ ކަންކަން ދިރާސާކޮށް ޖުމްލަ ހައްލެއް ގެނައުމަށްޓަކައި ޔޫއެންޑަބްލިއުޓީއޯއިން އެކުލަވާލި ކޮމިޓީއެކެވެ.