ކުޅިވަރު

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް ހޮނިހިރު ދުވަހު ފަށަނީ


އައްޑޫސިޓީ ކައުންސިލުން އިންތިޒާމު ކުރާ، އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2020 މިމަހުގެ 23 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.

މިފަހަރުގެ މުބާރާތުގައި 7 ޓީމުން ވަނީ ބައިވެރިވެފައެވެ. މުބާރާތުގައި ބައިވެރިވެފައިވަނީ، ހިތަދޫއަށް ނިސްބަތްވާ އެފްސީ ޒެފިއާ، މެދުވަލު އެފްސީ، އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބޭރުމަތި، މަރަދޫގެ މަރަދޫ ސްޕޯޓްސް އާއި މަރަދޫ-ފޭދޫގެ އެފްސީ އަފިރިން އާއި ފޭދޫއަށް ނިސްބަތްވާ ފޭދޫ ސްޕޯޓްސް އާއި ފާހި ސްޕޯޓްސް އިންނެވެ.

މިމުބާރާތް ކުޅޭނީ ދެ ގްރޫޕަކަށް ބަހާލައިގެން ސެމީ ފައިނަލާއި ފައިނަލް ކުޅޭގޮތަށެވެ. މިމުބާރާތުގައި ސްޓޭޖުގެ 12 މެޗް ކުޅޭއިރު ގްރޫޕް އޭގައި ހިމެނޭ 4 ޓީމް ކޮންމެ ޓީމެއް ކޮންމެ ޓީމަކާއެކު އެއް މެޗު ކުޅޭނެއެވެ. ގްރޫޕް ބީ ގައި ހިމެނޭ 3 ޓީމް ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެކު 2 މެޗު ކުޅޭނެއެވެ.

މުބާރާތުގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ޞާދިޤް ވިދާޅުވީ، މިފަދަ މުބާރާތެއް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ޑީއެންސީން އައްޑޫގެ ފުޓުބޯޅައިގެ ކާމިޔާބީ ފެށިފަދައިން، ރާއްޖޭގައި ޤައުމީ ފެންވަރުގައި ކުޅޭނެ މޮޅެތި ކުޅުންތެރިން އުފެއްދުން ކަމަށެވެ. އަދި މިމުބާރާތަކީ ހަޤީގަތުގައި މިދިޔަ އަހަރު ފަހުކޮޅު ބާއްވަން އޮތް މުބާރާތެއް ކަން ފާހަގަ ކުރައްވާ މޭޔަރ ވިދާޅުވީ، ކޯވިޑް-19 އާއި އަދި މިނޫންވެސް އެހެން ސަބަބުތަކާ ހެދި މުބާރާތް ފަސްވެގެން ދިޔައީ ކަމަށެވެ.

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް އަކީ އައްޑޫގައި ފުޓުބޯޅަ ކުރިއަރުވައި އައްޑޫގެ ކުޅުންތެރިން އުފެއްދުމުގެ މަޤްސަދުގައި އައްޑޫސިޓީ ކައުންސިލުން އިންތިޒާމު ކުރާ މުބާރާތެކެވެ. މިއީ އައްޑޫ ސިޓީން މިމުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. ފުރަތަމަ މުބާރާތް ބާއްވާފައިވަނީ، 2019 އަހަރު ޑިސެމްބަރު ފަހުކޮޅުގައެވެ.

މުބާރާތް ފެށުމުގެ ގޮތުން ކުޅޭނީ، އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބޭރުމަތި އާއި އެފްސީ އެފްސީ އަފިރިންއެވެ. މިމެޗު ކުޅޭނީ 23 ވަނަ ދުވަހު ހަވީރު 4:00 ޖަހާއިރު އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައެވެ.