ވިޔަފާރި

އިފޯޕްކާއާއި ފިޑިކްއާ ދެމެދު އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި


އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓަސް އެސޯސިއޭޝަން، އިފޯޕްކާއާއި ބައިނަލްއަޤްވަމީ ކޮންސަލްޓިން އިންޖިނިއަރުންގެ ޖަމުޢިއްޔާ، ފިޑިކްއާ ދެެމެދު އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިފޯޕްކާއަކީ އިމާރާތްކުރުމުގެ ދާއިރާގައި ސަރަހައްދީ ޤައުމުތަކުގެ ޖަމީއްޔާއެކެވެ. މިޖަމީއްޔާގެ މިދައުރުގެ ރައީސްއަކީ ރާއްޖޭގެ އިމާރާތްކުރާ ފަރާތްތަކުގެ ޖަމުޢިއްޔާ، މަސީގެ ރައީސް މުހައްމަދު އަލީ ޖަނާޙްއެވެ. ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމުގައި އިފޯޕްކާގެ ފަރާތުން ސޮއިކުރެއްވީ، ޖަމިއްޔާގެ ރައީސް ޖަނާހްއެވެ. ފިޑިކްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ، ޖަމުޢިއްޔާގެ ސީއީއޯ ޑރ. ނެލްސަން އޮގުންޝަކިންއެވެ.

މިއެއްބަސްވުމުގެ ދަށުން، މި ދެޖަމީއްޔާއިން ޖަމިއްޔާގެ މެންބަރު ޤައުމުތަކުގައި ވަސީލަތް ތަރައްޤީކޮށް އަދި އެ ޤައުމުތަކުގެ އިމާރާތް ކުރުމުގެ ދައިރާއަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރާނެއެވެ. އަދި މީގެ އިތުރުން މަޢުލޫމާތު ބަދަލުކުރުމާއި ބައިނަލްއަޤްވަމީ މާލީ އިދާރާތަކުގެ އެހީގައި ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫއުތަައް ކުރިއަށް ގެންދިއުމުގައި ފިޑިކް ކޮންޓްރެކްޓު އެކުލަވާލުމާއި، ފިޑިކް ގޯލްޑެން ޕްރިންސިޕަލްސް ބޭނުން ކުރުމަށް އެއްބަސްވެފައިވެއެވެ. މީގެ ތެރެއިން އިފޯޕްކާގެ މެންބަރުން ފިޑިކްގެ ސެލެކްޝަން މެތަޑް، ބައިނަލްއަޤްވަމީ އިދާރާތަކުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ޕްރޮޖެކްޓްތަކުގައި ބޭނުން ކުރުމަށް ބާރުއަޅާނެއެވެ.

މިއެއްބަސްވުމާގުޅޭ ގޮތުން އައިފޯޕްކާ އަދި މަސީގެ ރައީސް ޖަނާހް ވިދާޅުވީ، ބައިނަލްއަޤްވާމީ ޖަމީއްޔާ ޖަމާއައްތަކުގެ މެދުގައި ވޭވޭ މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ބައިނަލްއަޤްވާމީ އިމާރާތްކުރުމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. އަދި މިއީ އިފޯޕްކާގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭ ދުވަހަކަށްވެ، ދެ ފަރާތަށްވެސް ފައިދާ ހުރި އެއްބަސްވުމަކަށް މިއެއްބަސްވުން ވެގެންދާނެކަމަށް އުއްމީދު ކުރައްވާ އެނާ ވިދާޅުވިއެވެ.

އިފޯޕްކާއަކީ އެޝީއާ ޕެސިފިކް ސަރަހައްދުގެ 19 ޤައުމަކުން ބައިވެރިވާ، އިމާރާތްކުރުމުގެ ދައިރާގެ ބައިނަލްއަޤްވާމީ ސަރަހައްދީ ޖަމާއަތެކެވެ. ފިޑިކްއަކީ ދުނިޔޭގެ މިލިއަނަކަށް ވުރެ ގިނަ އިންޖިނިއަރުން ތަމްސީލުކޮށް، 40000 އަށްވުރެ ގިނަ ކޮންސަލްޓެންސީ ފާމް، 100 ޤައުމަކުން ތަމްސީލުކުރާ ޖަމާއަތެކެވެ. މި ޖަމާއަތުގެ މެންބަރުން ދުނިޔޭގެ އިމާރާތްކުރުމުގެ ދައިރާގެ ޖީޑީޕީގެ 36 ޓްރިލިއަން ޑޮލަރު ހިއްސާ ކުރެއެވެ.