ޚަބަރު

ކޯވިޑް-19 : ށ.ކޮމަންޑޫއިން މީހަކު ޕޮޒިޓިވްވެއްޖެ


ށ.ކޮމަންޑޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލުގެ ރައީސް މުޙައްމަދު މުފީދު ވިދާޅުވީ އެ ރަށުން ކޯވިޑް 19އަށް ޕޮޒިޓިވްވެފައިވަނީ ރަށު ސްކޫލްގައި ކިޔަވައިދޭ ފިރިހެން މުއްދައްރިސެއްކަމަށެވެ. އަދި އެމީހާ ޕޮޒިޓިވް ވެފައިވާކަން އެނގުނީ ކަރަންޓީންގެ މުއްދަތު ހަމަވުމަށްފަހު ނެގި ރިލީސް ސާމްޕަލްއިންކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުން އައިސް އެމީހާ ކަރަންޓީންގައި ހުރީ އޭނާގެ އާއިލާއާއެކުކަމަށް މުފީދު ވިދާޅުވިއެވެ. އަދި އެމީހާ ޕޮޒިޓިވްވުމުން އެގޭގައި ކަރަންޓީންގައި ހުރި އެހެން މުދައްރިސަކު އެހެންތާކަށް ބަދަލުކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުފީދު ވިދާޅުވީ އެމީހާގެ ކަރަންޓިންގެ މުއްދަތުގައި އިތުރު މީހަކާ ކޮންޓެކްޓްވެފައި ނުވާކަމަށާއި އެމީހާގެ ހާލަތު ގާތުން ބަލަމުން އަންނަކަމަށެވެ. މީގެ ކުރިންވެސް ކޮމަންޑޫއިން ހޯމް ކަރަންޓިންގައި ހުރި މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

މިއަހަރު ފެށިގެން މިހާތަނަށް އައިރު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މީގެ އިތުރުން ބައެއް ރަށްތަކުންވެސް ޕޮޒިޓިވް ކޭސްތައް ފެންނަމުންދެއެވެ. އެއާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ ސާދަހާހަށްވުރެ މައްޗަށް އަރާފައެވެ.