ޚަބަރު

ބިޒްނަސް އަދި ސްޕެޝަލް ވިސާގައި ތިބި ބިދޭސީންނަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދެނީ


މިދިޔަ ޑިސެމްބަރުގެ ކުރިން ބިޒްނަސް އަދި ސްޕެޝަލް ވިސާގައި ރާއްޖެއަށް އައިސް ނުފުރި ތިބި ބިދޭސީންނަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރަން ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މިގޮތަށް ނިންމާފައިވަނީ ކޯވިޑް-19ގެ ސަބަބުން ބައެއް ޤައުމުތަކުގެ ބޯޑަރު ބައިނަލްއަޤަވާމީ ދަތުރު ފަތުރަށް ހުޅުވާފައި ނުވާތީ ކަމަށެވެ. އެގޮތުން އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރުމަށް ނިންމާފައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރަން ބޭނުންވާ ފަރާތްތަކަށްކަމަށާއި މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރުމަށް ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ އެ މީހުނަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރާނީ، އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދުމަށް ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންތައްތައް ފުރިހަމަ ކުރުމުން ކަމަށެވެ. މި ގޮތުން އެޕްލިކޭޝަން ހުށަހަޅާއިރު އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދުމަށް އެދޭކަން ބަޔާން ކުރާ ސިޓީ ހުށަހެޅުމާއި 15 ދުވަހަށް ވުރެ މަދު ނޫން މުއްދަތެއްގެ ބިޒްނަސް ވިސާ ނުވަތަ ސްޕެޝަލް ވީސާއެއް އޮތް ކަން އެނގޭނެ މައުލޫމާތުވެސް ހުށަހަޅަންޖެހޭކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުން އެޕްލިކޭޝަން ހުށަހަޅާ ފަރާތަކީ ރާއްޖޭގައި މިވަގުތު ހުރި ފަރާތެއްކަން ބަޔާން ކުރަން ވާނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރިން ވިދާޅުވެއެވެ.

އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ވަނީ "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން އަނބުރާ ޤައުމަށް ދިޔުމަށް އެދިފައިވާ ފަރާތްތަކުގެތެރޭގައި އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ފަރާތްތަކެއް ހިމެނޭ ކަމުގައިވާނަމަ އެކަން އެންގުމަށްވެސް އަންގާފައެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ތިބި ބިދޭސީންނާއި ކޯވިޑް-19އާއި ގުޅިގެން ޤައުމަށް ދާންބޭނުންވެފައި ތިބި ބިދޭސީން ފޮނުވުމުގެ މަސައްކަތް ދިވެހި ސަރުކާރުން އަންނަނީ އެޤައުމުތަކާއި ގުޅިގެން ކުރަމުންނެވެ. އެގޮތުން މިހާތަނަށް ޖުމްލަ އަށާރަހާހަށްވުރެ ގިނަ ބިދޭސީން ވަނީ ފޮނުވާލާފައެވެ. މީގެ ތެރޭގައި ބަންގްލަދޭޝަށް ނިސްބަތްވާ މީހުން ނިސްބަތުން ގިނައެވެ. ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެއިން ފޮނުވާލިކަމުގައި ވީނަމަވެސް އަދިވެސް ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބިދޭސީން ގިނަކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި މަސައްކަތެއް ނެތި އުޅޭ މީހުންވެސް ގިނައެވެ. ޚާއްސަކޮށް ކޯވިޑް-19އާ ގުޅިގެން އިޤްތިޞާދީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއެކު ކުރާނެ މަސައްކަތެއް ނެތި މަގުމަތިވެފައިވާ ބިދޭސީން ގިނައެވެ.

ސަރުކާރުގެ އަމާޒަކީ ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އެމީހުންގެ ޤައުމަށް ފޮނުވާލުމެވެ. ސަރުކާރުން 2020 ވަނަ އަހަރަށް ޢަމާޒުހިފީ ޤަވައިދާ ޚިލާފައި އުޅޭ 20000 ބިދޭސީން ޤައުމަށް ފޮނުވާލުމަށެވެ. ނަމަވެސް ކޯވިޑް 19ގެ ޙާލާތާއި ގުޅިގެން މި ޢަމާޒަށް ވާސިލު ނުވެވުނުނަމަވެސް، ފޮނުވާލި މީހުންގެ އަދަދު 10000އާ ގާތްކުރެއެވެ. އަދި ޤަވާއިދާ ޚިލާފަށް އުޅޭ މީހުންނާއި، އަދި އަމިއްލައަށް އެދިގެން ޤައުމަށް ދާން ބޭނުންވި މީހުންނާއިއެކު ގާތްގަނޑަކަށް 20000އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ ފޮނުވާލާފައެވެ.

އިކޮނޮމިކް މިނިސްޓްރީން ލަފާކުރާގޮތުގައި ރާއްޖޭގައި އެކި މަސައްކަތްތަކުގައި 130000 އަށްވުރެ ގިނަ ބިދޭސީން އުޅެއެވެ. މީގެތެރެއިން 60 ހާހަށްވުރެ ގިނަ މީހުންނަކީ ލިޔެކިޔުންތައް ހަމަނުކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުން އަންނަ މީހުންނެވެ. ބިދޭސީންގެ ސަބަބުން ފެންމަތިވަމުން އަންނަ އިޖުތިމާޢީ އަދި އިގްތިޞާދީ މައްސަލަތަކަށް ޙައްލެއް ގެނައުމަށް ބިދޭސީންގެ ދަފްތަރެއް އެކުލަވާލާ ބިދޭސީންގެ ކަންކަން ހަރުދަނާކުރުމަށް އެކުލަވާލަންޖެހޭ އުސޫލްތަކާއި ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.