ރިޕޯޓް

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން މިދިޔަ އަހަރު ލައްކައަކަށްވުރެ ގިނަ މީހުން ޚިދުމަތްހޯދި


ވޭތުވެދިޔަ 2020 ވަނަ އަހަރަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހަޔާތުގައިވެސް އެންމެ ގިނަބަޔަކު ޚިދުމަތް ހޯދިއަހަރުކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ. އެގޮތުން ލައްކައަކަށްވުރެ ގިނަމީހުން އެހޮސްޕިޓަލުން ޚިދުމަތް ހޯދާފައިވެއެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު ބޮޑުތަން އިތުރު އަދަދެއްކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހަޔާތުން 20 އަހަރަށްވުރެ ގިނަދުވަސްވެފައިވާއިރު އެހޮސްޕިޓަލް އަބަދުވެސް ފާހަގަ ކުރެވިގެން ގޮސްފައިވަނީ މާލެއިން އުތުރުން އެންމެ ގިނަބަޔަކު ޚިދުމަތް ހޯދާ ހޮސްޕިޓަލްގެ ގޮތުގައެވެ. ޚާއްސަކޮށް ބޮޑުތިލަދުންމަތީގެ ބޮޑު އާބާދީއެއް ޚިދުމަތް ހޯދަމުންދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންނެވެ.

އެހެންނަމަވެސް ކޯވިޑް-19 ގެ ސަބަބުން މާލެއަށް ދަތުރުފަތު ނުކުރެވެން ފެށުމުން ބޮޑުތިލަދުންމަތި ފަހަނަ އަޅާ މާލެއިން އުތުރުގެ ހުރިހާ އަތޮޅަކުންނާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްރަށުންވެސް އެހޮސްޕިޓަލަށް ގިނަބަޔަކު ޚިދުމަށް ހޯދަން ދެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދިން ގޮތުގައި މިދިޔަ އަހަރު އެހޮސްޕިޓަލުން 101،362 މީހުން ޚިދުމަތް ހޯދާފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ 184 ރަށަކަށް ނިސްބަތްވާ މީހުން ހިމެނެއެވެ. މީގެ ތެރެއިން 51،382 މީހުން ނިސްބަތްވަނީ ކުޅުދުއްފުއްޓަށެވެ. ހދ އަތޮޅުގެ އަނެއް 12 ރަށަށް ނިސްބަތްވާ 23،155 މީހުން އެހޮސްޕިޓަލުން މިދިޔަ އަހަރު ޚިދުމަތް ހޯދާފައިވެއެވެ.

މިދިޔަ އަހަރު ވެގެން ގޮސްފައިވަނީ އެ ހޮސްޕިޓަލުގެ ތަރައްގީއަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއްގެ ގޮތުގައި ކަމަށް ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ދާއޫދު ވިދާޅުވިއެވެ. އެގޮތުން ރައީސް އިބުރާހިމް މުހައްމަދު ޞާލިހްގެ އިސްނެންގެވުމުގެ މަތިން އަލަށް ގިނަ ޚިދުމަތްތަކެއް ފަށައި ޑޮކްޓަރުންގެ އަދަދު އިތުރުކުރެވިގެންދިޔަ ކަމަށް މެނޭޖަރ ފާހަގަކުރެއްވިއެވެ. މީގެއިތުރުންވެސް ވަސީލަތްތައްވެސް އިތުރުކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ހޮސްޕިޓަލްގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް 30 އެނދުގެ ވޯޑެއް ހެދުމާއި ޕްރައިވެޓް ރޫމެއް ހެދުމުގެ މަސައްކަތްކުރިއަށް ދާކަންވެސް އެހޮސްޕިޓަލްގެ މެނޭޖަރ ފާހަގަ ކުރެެއްވިއެވެ. އަދި އަވަސް މުސްތަގްބަލެއްގައި އެމް އާރު އައިގެ ޚިދުމަތް ފެށިގެން ދިއުމަކީ ވަރަށްބޮޑު އުންމީދެއްކަމަށްވެސް މެނޭޖަރ ވިދާޅުވިއެވެ.