ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައްޑޫސިޓީގައި މާދަމާ ކޯވިޑް-19ގެ ރޭންޑަމް ސާމްޕަލް ނަގަން ފަށާނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީން ވިދާޅުވީ އައްޑޫގައި ރޭންޑަމް ސާމްޕަލް ނެގުމުގައި އަމާޒުކުރާނީ ފެރީތަކުގައި މަސައްކަތްކުރާ މީހުންނާއި ފިހާރަތަކުގެ ސޭޓުންނަށް ކަމަށެވެ. މީގެކުރިންވެސް އައްޑޫސިޓީގެ އެކި ސަރަހައްދުތަކުން ވަނީ ކޯވިޑް-19އަށް ޓެސްޓް ކުރުމަށްޓަކައި ސާމްޕަލްތަކެއް ނަގާފައެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަންނަނީ ރެންޑަމް ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
ބެލެވޭ ގޮތުގައި އައްޑޫ ސިޓީގައި ރެންޑަމް ސާމްޕަލް ނަގަން ނިންމާފައިވަނީ ގއ.އަތޮޅާއި ލ.އަތޮޅުން ކޯވިޑް-19ގެ ކޭސްތަކެއް ފެނުމާ ގުޅިގެންނެވެ. މިގޮތުން ގއ.ދެއްވަދޫން މިދިޔަ މަހުގެ 24ވަނަ ދުވަހު މީހަކު ޕޮޒިޓިވްވުމާއެކު މިހާތަނަށް ދެއްވަދޫ ކްލަސްޓައި 60އަށްވުރެ ގިނަ މީހުން ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއާއެކު އެރަށައް ދަތުރުކޮށްފައިވާ މީހުންނާއި ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.
މިއަހަރު ފެށުނު ހިސާބުން ކޯވިޑް-19ގެ ކޭސްތައް އަންނަނީ އިތުރުވަމުންނެވެ. މިގޮތުން މިހާތަނަށް ރއްޖެއިން މި ބައްޔަށް 14000އަށްވުރެ ގިނަމީހުންވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި މާލެއިން ރަށްރަށައް ގޮސް ކަރަންޓިނުވާ މުއްދަތު މަދު ކުރުމާގުޅިގެން ރަށްރަށައް ދަތުރުކުރާ މީހުންގެ އިތުރުވަމުން ދާކަންވެސް ފާހަގަކުރެވެއެވެ. އަދި ކަރަންޓީނުގެ މުއްދަތު ނިންމުމަށްފަހު ނަގާ ބައެއް ސާމްޕަލްތައް ޕޮޒިޓިވްވާކަންވެސް ފާހަގަކުރެވެއެވެ.