ވިޔަފާރި

އެގްރޯ ނެޓްގެ "ކޮންޓްރެކްޓް ފާމިން" މަޝްރޫޢު ރާއްޖޭގެ އިތުރު 11 ރަށެއްގައި ފަށަނީ


އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ކުރިއަށްގެންދާ "ކޮންޓްރެކްޓް ފާމިން"ގެ މަޝްރޫޢު ރާއްޖޭގެ އިތުރު 11 ރަށެއްގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން މިހާރު ވަނީ މިރަށްތައް އިޢުލާންކޮށް، މިރަށްތަކުން މި މަޝްރޫޢުގައި ބައިވެރިވާން ބޭނުންވާ ދަނޑުވެރިންނަށް ފުރުސަތު ހުޅުވާލާފައެވެ. ކޮންޓްރެކްޓް ފާމިންގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ރަށްތަކަކީ، ފ.މަގޫދޫ، ށ. ގޮއިދޫ، ށ. ނަރުދޫ، ބ. މާޅޮސް، ރ. ވާދޫ، ރ. ފައިނު، ނ. މަނަދޫ، ގއ. ނިލަންދޫ. ގއ. ގެމަނަފުށި، ޏ.ފުވަށްމުލައް އަދި ސ. މީދޫ އެވެ. މި ރަށްތަކުން މި މަޝްރޫޢުގައި ބައިވެރިވާން ބޭނުންވާ ދަނޑުވެރިން މިމަހުގެ 26ގެ ކުރިން ރެޖިސްޓްރީވާން ޖެހޭނެ ކަމަށް އެގްރޯ ނެޓުން ހާމަކުރެއެވެ.

އެގްރޯނެޓްގެ ކޮންޓްރެކްޓް ފާމިންގ މަޝްރޫއު މިދިޔަ މަހުގެތެރޭގައިވަނީ ލ.އަތޮޅުގައި ފަށާފައެވެ. އެގޮތުން މިމަޝްރޫޢު ކުރިއަށްގެންދިޔުމަށް އެގްރޯނެޓުން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ލ.ގަން، އިސްދޫ، ކަލައިދޫ، އަދި ފޮނަދޫގެ ދަނޑުވެރިންނާ އެކުގައެވެ.

އެގްރޯ ނެޝަނަލް ކޯރޕަރޭޝަންގެ ފަރާތުން ކުރިއަށްގެންދާ "ކޮންޓްރެކްޓް ފާމިން"ގެ ދަށުން އެއްބަސްވުންތައް ޤާއިމްކޮށް ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދީ އެފަރާތްތަކުން ހައްދާ ތަކެތި ދާއިމީކޮށް އެ ކުންފުނިން ގަންނާނެއެވެ. މީގެ ސަބަބުން ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން ލިބިގެންދާނެއެވެ. އަދި ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް ހަމަ އަގު ލިބިގެންދާނެއެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަންއަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޤްޞަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ މަސައްކަތްތައް ފަށާފައިވަނީ މިދިޔަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައެވެ.