ވިޔަފާރި

މިއަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ ޢަދަދު ބައި ލައްކައަށްވުރެ މައްޗަށް


މިއަހަރުގެ ފުރަތަމަ 17 ދުވަހުގެތެރޭގައި ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 1ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށްވަނީ 50611 ފަތުރުވެރިން ރާއްޖެއަށް އައިސްފައެވެ.

ފާއިތުވީ 3 ދުވަހުގެތެރޭގައި ރާއްޖެއަށް ކޮންމެ ދުވަހަކުވަނީ 3000އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ 3ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް ވަނީ 4195 ފަތުރުވެރިން އައިސްފައެވެ.

ވަކިވަކި ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދުތަކަށް ބަލާލާއިރު، މިމުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އެޤައުމުން މިއަހަރުތެރޭ ރާއްޖެއަށް އައި ފަތުރުވެރިންގެ ޢަދަދު މިހާރުވަނީ 12000އަށްވުރެ މައްޗަށް އަރާފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 16ވަނަ ދުވަހާ ހަމައަށް ރަޝިއާއިން ރާއްޖެއަށް 12029 ފަތުރުވެރިން އައިސްފައެވެ. ދެން އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ އިންޑިއާއިންނެވެ. އެޤައުމުން މި މުއްދަތުގައި ރާއްޖެއަށް 8042 ފަތުރުވެރިން އައިސްފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން 3 ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޔޫކްރެއިން އިންނެވެ. އެޤައުމުން ރާއްޖެއަށް 4292 ފަތުރުވެރިން އައިސްފައިވެއެވެ. ދެން އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ކަޒަކިސްތާނުންނެވެ. އެޤައުމުން ރާއްޖެއަށް 2318 ފަތުރުވެރިން އައިސްފައިވެއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 5 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ރޯމޭނިއާއިންނެވެ. އެޤައުމުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުވަނީ 2030 އަށް އަރާފައެވެ.

މީގެކުރިން ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަ 3 ޤައުމުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނުނު ނަމަވެސް، ކޯވިޑް-19އާ ގުޅިގެން އެޤައުމު ފުރަބަންދަކަށް ދިޔުމުން އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައްވަނީ ދަށަށް ގޮސްފައެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދުތަކަށް ލިބެމުންދާ ކުރިއެރުންތަކާއެކު ފަތުރުވެރިންނަށް ޙިދުމަތްދޭ ފެސިލިޓީތައްވެސް ދަނީ އަލުން ހުޅުވާލަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް 585 ފެސިލިޓީއަކުން 42634 އެނދުވަނީ ފަތުރުވެރިކަމަށް ނެރެފައެވެ.