ޚަބަރު

އެމް.އޭ.ސީ.އެލުން ފިޔަވަތިއަށް އެހީވުމަށް އެއްބަސްވުމެއް


މެއިންޓަނެންސް ދާއިރާއިން ފިޔަވަތި މަރުކަޒަށް އެހީތެރިކަން ހޯދުމުގެގޮތުން މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއެކު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފިއެވެ.

އެމް.އޯ.ޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީއެވެ. އެމް.އޭ.ސީ.އެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ގޯޑްން އެންޑްރިއު ސްޓުވަރޑްއެވެ.

މިއެމް.އޯ.ޔޫގެ ދަށުން ހުޅުމާލޭގައި ހުންނަ ފިޔަވަތި މަރުކަޒުގައި ބޭނުންކުރާ އިލެކްޓްރޯނިކް ބައެއް ތަކެތި މަރާމާތުކޮށް، ސަރވިސްކޮށް ބެލެހެއްޓުމާއި ޢިމާރާތުގައި ބޭނުންކުރެވޭ ބޮކި ލެޑް ލައިޓަށް ބަދަލުކުރުން ހިމެނެއެވެ.

ޖެންޑަރ މިނިސްޓްރީއާއި އެމް.އޭ.ސީ.އެލްއާ ދެމެދު އެކުލަވާލި މި އެމް.އޯ.ޔޫއަކީ އެއް އަހަރު ދުވަހުގެ މުއްދަތައް އެކުލަވާލާފައިވާ އެމް.އޯ.ޔޫއެކެވެ. މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފިޔަވަތި މަރުކަޒުގައި މިވަގުތު 13 އަހަރުން ދަށުގެ 119 ކުދިން އަންނަނީ ދިރިއުޅެމުންނެވެ.