ޚަބަރު

ދަތުރުފަތުރުގެ ރަނގަޅު ނިޒާމެއް ނެތުމަކީ ލާމަރުކަޒް ކުރުމުގަ ދިމާވާ ބޮޑު ގޮންޖެހުމެއް


ދަތުރުފަތުރުގެ ރަނގަޅު ނިޒާމެއް ޤާއިމުނުކޮށް ރާއްޖޭގައި ހަގީގީ މާނައިގައި ލާމަރުކަޒީ ނިޒާމެއް ޤާއިމުނުކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އަދި ކުރިއަށް އޮތް 3 އަހަރު ނިމިގެންދާއިރު މުޅި ރާއްޖޭގައި ހަރުދަނާ ފެރީ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތްކުރައްވަމުން އަންނަ ކަމަށް މިނިސްޓަރވަނީ ވިދާޅުވެފައެވެ.

ޤައުމީ ފެރީ ވިއުގައިގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ ރާއްޖެ ލާމަރުކަޒުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތުކަމަށެވެ. އަދި އެކަން ކުރުމުގައި ދަތުރުފަތުރުގެ ރަނގަޅު ނިޒާމެއް ނެތުމަކީ ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ޤައުމީ ފެރީ ވިއުގައާއެކު މިކަމަށް ޙައްލެއް ލިބިގެންދާނެކަމަށެވެ. ފެރީ ނިޒާމު ޤާއިމުކުރުމަށް މިދިޔަ އަހަރުގެ ބަޖެޓުގައި 100 މިލިއަން ހިމަނާފައިވީނަމަވެސް ކޯވިޑް-19ގެ ސަބަބުން މަޝްރޫޢުގެ މަސައްކަތްކުރިއަށް ނުގެންދެވުނުކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާ ގޮތަށް ބަލާއިރު ފެރީގެ ޚިދުމަތް ދިނުމުގައި ބޮޑު ހޭދައެއް ކުރަންޖެހޭކަމަށެވެ. އަދިސަބްސިޑީދީގެންވެސް އެކަން ކުރުމަކީ ކުރަންޖެހިފައިވާކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަޑު: "ހަގީގީ މާނައިގައި ލާމަރުކަޒެއް ނުކުރެވޭނެ ދަތުރުފަތުރާ ނުލާ. އެހެންވީމަ ސަބްސިޑައިޒްކޮށްގެންވެސް އެކަން ކުރަން އެބަޖެހޭ. އެންމެ ފުރަތަމަ ދެތިން އަހަރުތެރޭގައި ޚިދުމަތްދިނުމަށް ސަބްސިޑީ ދޭންޖެހޭނެ. ސަބްސިޑީ ދީގެންވެސް އެކަން ޚިދުމަތްދޭން އަޅުގަނޑުމެން ބޭނުން" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ ފެރީގެ ޚިދުމަތް ފެށުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ. އެގޮތުން ފެރީތަކުގެ ޑިޒައިން ފައިނަލްކޮށް ހިނގާނެ ޚަރަދާއި ލިބޭނެ ޢާމްދަނީ ވަޒަންކޮށް ނިމިފައިވާއިރު ފެރީދާނެ ރަށްރަށުގެ ރޫޓުތައްވެސް ކަނޑައަޅާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެންމެ ފުރަތަމަ ޚިދުމަތް ފަށައިގަންނައިރު އެންމެން ފެރީއަށް ބަރޯސާ ނުވިނަމަވެސް މިނިޒާމަކީ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން އޮތް ޚިދުމަތަކަށް ހައްދަވާނެކަމަށެވެ.

"ފެރީ ޚިދުމަތް ފަށައިގަންނައިރު އެންމެން ބޭނުން ނުކުރިނަމަވެސް ފެރީއަކީ ޚިދުމަތް ފެށުމުން ވަރަށް ގިނަބަޔަކު އެއަށް ބަރޯސާވާފަދަ ޚިދުމަތެއް. އަޅުގަނޑުމެން މަސައްކަތްކުރަނީ ރައްޔިތުންނަށް ފަސޭހަ އިތުބާރުކުރެވޭ ރަނގަޅު ކޮލިޓީގެ ފެރީ ނިޒާމެއް ޤާއިމުކުރުން." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ޤައުމީ ފެރީ ވިއުގަ މަޝްރޫޢުގައި 2 ވައްތަރެއްގެ ފެރީ ޓަރމިނަލް ޑިޒަން ހިމެނޭއިރު ޓަރމިނަލްގެ ބޮޑު ކުޑަމިން ކަނޑައަޅަނީ ރަށުގެ އާބާދީގެ ކުޑަބޮޑުމިނަށްކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. ޤައުމީ ފެރީ ވިއުގައިގެ ފުރަތަމަ މަރުޙަލާގެ ޚިދުމަތް އަންނަ ސެޕްޓެމްބަރުމަހު ފެށުމަށް ހަމަޖެހިފައިވާ ހއ،ހދ އަދި ށ.އަތޮޅުގެ ޚިދުމަތް ފެށުމަށް ބަޖެޓުން 157 މިލިއަން ރުފިޔާ ޚަރަދުކުރުމަށްވަނީ ނިންމާފައެވެ. އަދި މުޅި ރާއްޖެއަށް މިމަޝްރޫޢު ކުރިއަށްގެންދިޔުމަށް ޖުމްލަ 850 އަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން އަންދާޒާކުރައްވައެވެ.